ރައީސް މިހެން ވިދާޅުވީ ޔޫއޭއީގެ 52 ވަނަ ޔޫނިއަން ޑޭ ގެ މުނާސަބަތުގައި ބޭއްވެވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަންގާރަ ދުވަހުގެ ރޭ ހޮޓެލް ޖެންގައި ބޭއްވި މި ހަފުލާގައި، ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ނައިބު ރައީސް އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފާއި ދައުލަތުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން ވަރުގަދަކޮށް، އެއް އަމާޒަކަށް މަސައްކަތްކުރާ ބައެއް ކަމުގައި ވުމުން ހޯދޭ ކުރިއެރުންތައް، މީގެ 52 އަހަރު ކުރިން އެމިރޭޓްސްގައި ހިމެނޭ ގައުމުތަކުން ގުޅުން ގާއިމުކޮށް ދެއްކި ނަމޫނާއިން ރަމްޒުކޮށްދޭ ކަމަށެވެ. އަދި ޔޫއޭއީއަށް ވަރަށް ބޮޑު އިޖާދީ ބަދަލެއް އައިސްފައިވާކަން ފާހަގަކުރައްވައި، މި އުފާވެރި މުނާސަބަތަކީ އެކާމިޔާބީތައް ފާހަގަކޮށް މަރުހަބާ ވިދާޅުވުމަށް ލިބިވަޑައިގަންނަވާ ފުރުސަތެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު ދެއްކެވި ވާހަކަފުޅުގައި އޫއޭއީއަކީ ދުނިޔޭގެ އެންމެ މަގުބޫލު އެއް މަންޒިލް ކަމަށާއި އެ ގައުމަކީ ތަރައްގީ އާއި ފުދުންތެރި ރައްޔިތެއްގެ ފުރިހަމަ މިސާލެއް ކަމުގައި ސިފަކުރެއްވި އެވެ. ހަމަ އެ އާއެކު، ޔޫއޭއީއަކީ އެ ގައުމުގެ ރައްޔިތުންގެ އާދަޔާ ހިލާފު ރޫހު ދައްކުވައިދީފައިވާ ގައުމެއް ކަމުގައި ވެސް ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވެފައި ވަނީ މި އަހަރަކީ ރާއްޖެ އާއި ޔޫއޭއީ އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 45 އަހަރު ފުރޭ އަހަރު ކަމަށާއި ވޭތުވެދިޔަ އަހަރުތަކުގައި ދެ ގައުމުގެ ދެމެދުގައި ވަނީ ވަރަށް ރަނގަޅު ގުޅުމެއް އުފެދިފައި ކަމަށެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމުމަށް ޓަކައި، ދާދިފަހުން ޔޫއޭއީން އިތުރު ފައިސާގެ އެހީ ފޯރުކޮށްދެއްވި ކަމީ، ދެ ގައުމުގެ ގާތް ގުޅުމުގެ ހެއްކެއް ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.
މި މަހުގެ ފަހުކޮޅު ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް-28 ގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ވަޑައިގަންނަވާނެކަން ރައީސް އިއުލާން ކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މި އަހަރުގެ ކޮޕް ބައްދަލުވުމަކީ ހާއްސަކޮށް ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް މުހިންމު ބައްދަލުވުމެއް ކަމަށާއި 'ލޮސް އެންޑް ޑެމޭޖް ފަންޑު' ބޭނުން ކުރެވޭނެ ގޮތްތައް ފަހިކޮށް، ފުރަތަމަ ފަހަރަށް ނެގޭ 'ގްލޯބަލް ސްޓޮކް ޓޭކް' ގައި ރަނގަޅު ނަތީޖާތަކެއް ހާސިލުކުރެވޭނެކަން ޔަގީން ކުރަން ޖެހޭ ކަމުގަ އެވެ. އަދި ދުނިޔޭގެ ވެށި ރައްކާތެރިކޮށް ސަލާމަތް ކުރުމަށް އެންމެން އެއްބައިވަންތަ ކުރުވަން މަސައްކަތް ކުރަން ޖެހޭ ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ކޮޕް-28 ގެ ކާމިޔާބީ ކަށަވަރުކުރުމަށް ރާއްޖޭން ޔޫއޭއީއަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި ޔޫއޭއީގެ ރިޔާސަތުގައި ހަރުދަނާ ނަތީޖާތަކެއް ނެރެދޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.