ރައީސް އޮފީހުން ބުނީ ބްރިޖުގެ މަސައްކަތްތައް ކުރިއަށްދާ ސަރަހައްދުތަކަށް ރައީސް މިއަދު ހަވީރު ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފު ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ.
ރައީސް ފުރަތަމަ ވަޑައިގެންނެވީ ބްރިޖުގެ މަސައްކަތް މާލޭގައި ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްޓަކައި މާލޭގެ ޕްރޮޖެކްޓް ސައިޓަށް ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އެ އޮފީހުން ބުނެފައި ވަނީ ރޭމްޕް ސަރަހައްދުގައި މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްފަހު އެމަނިކުފާނު ވަނީ މާލެ އާއި ވިލިނގިއްޔާ ދެމެދު ސަރަހައްދުގެ މަސައްކަތްތައްވެސް ބައްލަވާލައްވާފައި ކަމަށެވެ. އޭގެފަހުން ގުޅީފަޅުގެ ޕްރޮޖެކްޓް ސައިޓަށް ވަޑައިގެން އެތަނުގައި ކުރިއަށްގެންދާ ޕްރީކާސްޓިންގެ މަސައްކަތްތަކާއި ބްރިޖުގެ އެކި މަސައްކަތްތައް ކުރިއަށްގެންދާ ގޮތާ ބެހޭގޮތުން އެމަނިކުފާނު މައުލޫމާތު އޮޅުންފިލުއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރައީސް ޑރ. މުއިއްޒު މީގެ ކުރިން ވަނީ "ގްރޭޓާ މާލެ ކަނެކްޓިވިޓީ – މާލެ ޓު ތިލަފުށި ލިންކް ޕްރޮޖެކްޓް" ގެ މަސައްކަތްތައް ނުނިމި ލަސްވަމުންދާ ސަބަބުތައް ހޯއްދަވައި، ބްރިޖުގެ މަސައްކަތްތައް ވީހާވެސް އަވަސް ސްޕީޑެއްގައި ނިންމެވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފަ އެވެ. މި ސަރުކާރުގެ 'ހަފުތާ 14' ގައި ކުރަން ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައި ތިލަމާލެ ބްރިޖު މަޝްރޫއުގެ ހާލަތު ދެނެގަތުމަށް ކުރަން ޖެހޭ މަސައްކަތްކުރުން ވަނީ ހިމަނާފަ އެވެ.