ads
ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރު ކަމަށް ބަންޑާރަނައިބު އުޝާމް އައްޔަނުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް
ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރު ކަމަށް ބަންޑާރަނައިބު އުޝާމް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރު ކަމަށް ބަންޑާރަނައިބު އަލްއުސްތާޒު އަހުމަދު އުޝާމް މިއަދު އައްޔަނުކުރައްވައިފި އެވެ.

އަލްއުސްތާޒު އަހުމަދު އުޝާމް މި މަގާމަށް އައްޔަނުކުރައްވާފައި ވަނީ މިކަމަށްޓަކައި މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.

އުޝާމް، ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަނުކުރެއްވީ ގާނޫނުއަސާސީގެ 158 ވަނަ މާއްދާ އާއި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ ތިންވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަންޑާރަނައިބުގެ ހައިސިއްޔަތުންނެވެ. ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވުމުގެ ކުރިން އުޝާމް ވަނީ އެ ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ، ރައީސްގެ ކުރިފުޅުމަތީގައި ކުރައްވާފަ އެވެ. ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޒާ އައިޝާ ޝުޖޫން މުހައްމަދެވެ.

މި ރަސްމިއްޔާތުގައި ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން، ރައީސް ވަނީ އުޝާމަށް ހަވާލުކޮށްދެއްވާފަ އެވެ.

އުޝާމް، ބަންޑާރަނައިބުގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ހުންނެވީ ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެންބަރު ކަމުގަ އެވެ. އަދި އޭގެ ކުރިން އެމަނިކުފާނު ވަނީ ޑެޕިއުޓީ އެޓާނީ ޖެނެރަލްކަމުގެ މަގާމުވެސް ފުރުއްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް