ރައީސް އޮފީހުން ބުނިގޮތުގައި ރައީސްގެ ދެކަނބަލުން ތުރުކީވިލާތަށް ކުރައްވާ މި ދަތުރުފުޅަކީ އެޤައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ ރައީސްކަމުގެ ހުވާ ކުރައްވާ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް މުއިއްޒު ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ރައީސް މި ދަތުރުފުޅުގައި ތުރުކީވިލާތުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި ދެގައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންނާއި، ދެޤައުމުގެ ދޭދޭ ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާނެކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރައީސްގެ އަނބިކަނބަލުންގެ އިތުރުން ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. ރައީސް އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ، 30 ނޮވެމްބަރު 2023ގައި ޔުނައިޓެޑް އެރެބް އެމިރެޓްސް (ޔޫ.އޭ.އީ)ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް-28) ގައި ބައިވެރިވެވަޑައިގަތުމަށް ފަހުގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.