ޕީއެންއެފް އުފެއްދުމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުންނާ އެކު އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ކުރެއްވި މަޝްވަރާތަކަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ އެބޭފުޅުންގެ އުންމީދަކީ އެ ކޮމިޝަނުން ޕާޓީގެ އުފެއްދުމުގެ ހުއްދަ ވަރަށް އަވަހަށް ލިބުން ކަމަށެވެ.
މަލީހު ވިދާޅުވެފައި ވަނީ ޕީއެންއެފުން މާލޭގެ މޭޔަރު އިންތިހާބުކުރުމަށް ބާއްވާ އިންތިހާބުގައި ވާދަކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެ ޕާޓީން "ބޮޑުކޮށް ވާދަކުރާނެ" ކަމަށްވެސް މަލީހު ވިދާޅުވި އެވެ. މަލީހު ވިދާޅުވި ގޮތުގައި އެ އިންތިހާބުގައި އެ ޕާޓީން ވާދަކޮށް، ކާމީޔާބީ ހޯދާނެ ކަމުގަ އެވެ.
މަލީހު މިހެން ވިދާޅުވެފައިވާއިރު މާލޭގެ މޭޔަރު އިންތިހާބުކުރުމަށް ބާއްވާ އިންތިހާބުގައި އެ މަގާމަށް ވާދަކުރެއްވުމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު އަންނަނީ ކެމްޕެއިން ކުރައްވަމުންނެވެ. ހުސައިންއަކީ ޕީއެންއެފްގެ މުއައްސިސުންގެ ގޮތުގައި ހަމަޖެއްސެވުމަށް ނިންމެވި އަށް ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ ނައިބު ރައީސް އަދި މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވާ އެމަނިކުފާނުގެ ރަނިންމޭޓެއްގެ ގޮތުގައި ކަނޑައެޅުއްވި ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ޕީއެންއެފް ވާނީ ރާއްޖޭގައި އުފެދޭ އެންމެ ބިޔަ، އެންމެ ބޮޑު ޕާޓީއަށް ކަމަށެވެ. އެ ޕާޓީން މަސައްކަތް ކުރާނީ މީހުންގެ ޒާތީ މައްސަލަތަކުގެ ތެރެއަށް ވަނުމުގެ ބަދަލުގައި ގައުމީ މައްސަލަތަކަށް ހައްލު ހޯދުމަށް ކަމަށް ޖަމީލު ވިދާޅުވި އެވެ.
ޕީޕީއެމުން ވަކިވެވަޑައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވަން ނިންމެވި ޕާޓީގެ މުއައްސިސަކަށް ހަމަޖައްސަވާފައި ވަނީ އެމަނިކުފާނުގެ ދަރިކަލުން ޒޭންގެ އަބްދުالله ޔާމީނެވެ. އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި މިއަދު ހެނދުނު ވަނީ އީސީއަށް ހުށަހަޅާފަ އެވެ. އާ ސިޔާސީ ޕާޓީގެ ނަމާ އަދި ލޯގޯ ރޭގެ ވަގުތެއްގައި އާންމުކޮށްފައި ވަނީ މީސް މީޑިއާ މެދުވެރިކޮށެވެ.