ads
އަލީ ވަހީދު މަތިވެރީގައި ވާހަކަ ދައްކަވަނީ - ފޮޓޯ:ޖޭޕީ
އަލީ ވަހީދު ހައްޔަރުކުރީ ގާނޫނާ ހިލާފަށް، ބަދަލު ދޭން ނިންމައިފި
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޔޫކޭގައި ހުއްޓާ އެ ގައުމުގެ ފުލުހުން އޭނާ ހައްޔަރުކުރީ ގާނޫނާއި ހިލާފަށް ކަމަށް ކަނޑައަޅައި އިނގިރޭސި ސަރުކާރުން އަލީ ވަހީދުގެ ކިބައިން މާފަށް އެދި، ގެއްލުމުގެ ބަދަލު ދޭން ނިންމައިފި އެވެ.
Advertisement

ޖިންސީ ގޯނާގެ ތުހުމަތުގެ މައްސަލައެއް ބަލަމުން ދަނިކޮށް ބޭސް ފަރުވާއަށް ފެބްރުއަރީ 10، 2021 ގައި ބޭރަށް ފުރާވަޑައިގަތް ގޮތަށް އަލީ ވަހީދު އެނބުރި ރާއްޖެ ވަޑައިގަތީ މި އަހަރުގެ ޖުލައިގަ އެވެ. ޔޫކޭގައި އުޅުއްވަނިކޮށް، އެ ގައުމުގެ އިމިގްރޭޝަން ގާނޫނާ ހިލާފުވި ކަމަށް ބުނެ އެ އަހަރުގެ އޮގަސްޓު މަހުގައި އެ ގައުމުގެ ފުލުހުން އޭނާ ހައްޔަރުކުރި އެވެ. ގާނޫނާ ހިލާފު ހައްޔަރެއް ކަމަށް ކަނޑައެޅީ އެ ހައްޔަރެވެ.

އަލީ ވަހީދުގެ ލީގަލް ޓީމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ގާނޫނާ ހިލާފަށް އިނގިރޭސި ވިލާތުން އަލީ ވަހީދު ހައްޔަރުކުރި މައްސަލައިގައި އެ ގައުމުގެ ސަރުކާރުގެ މައްޗަށް ދައުވާކުރުމުގެ ކުރިން، ވަކީލުންގެ ޓީމުން އިނގިރޭސި ސަރުކާރާ އެކު މަޝްވަރާ ކުރުމުން އެ ހައްޔަރަކީ ގާނޫނާ ހިލާފު ހައްޔަރެއް ކަމަށް އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން އެއްބަސްވެފައިވާ ކަމަށެވެ. އަދި ގާނޫނާ ހިލާފަށް އަލީ ވަހީދު ހައްޔަރުކޮށްފައިވާތީ އިނގިރޭސި ސަރުކާރުގެ ފަރާތުން އޭނާގެ ކިބައިން މައާފަށް އެދިފައިވާ ކަމަށާއި ހައްޔަރުގެ ސަބަބުން އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 20،000 ޕައުންޑް ދިނުމަށްވެސް ޔޫކޭ ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ އެވެ.

އެކަމާ ގުޅިގެން އަލީ ވަހީދު މިއަދު ވިދާޅުވީ، ވަގުތު ނެގިއަސް ހައްގަށް ނަސްރު ލިބޭނެ ކަމަށާއި ހަމްދު ކުރަނީ ހެއްދެވި ފަރާތަށް ކަމަށެވެ.

އަލީ ވަހީދު މައްޗަށް ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއް ކޮށްފައިވެ އެވެ. ނަމަވެސް އަނިޔާ ލިބުނު ކަމަށް ބުނާ މީހުންނާއި ހެކީންގެ ގޮތުގައި ބަޔާން ދިން މީހުން މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ބަޔާންކޮށް، އެ އޮފީހަށާއި ފުލުހުންނަށް ސިޓީއެއް ފޮނުވުމުން ޕީޖީން ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ.

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް