ads
ރައީސް މުއިއްޒު އާއި ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުގާން ބައްދަލުކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް
ތުރުކީ ދަތުރަށްފަހު، ރައީސް ވިދާޅުވީ "ތުރުކީއާ އެކު އާ ބާބެއް ފެށިއްޖެ ކަމަށް"
ތުރުކީއާއި ރާއްޖެއާ ދެމެދު އޮތް ގުޅުންތަކުގެ އާ ބާބެއް ފެށިފައިވާ ކަމަށް ރާއްޖޭގެ އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ތުރުކީވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ފުރާވަޑައިގަންނަވަމުން "އެކްސް" އަށް ދޫކޮށްލެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ދިވެހިރާއްޖެ-ތުރުކިޔޭ ގުޅުމުގެ އައު ބާބެއް ފެށުމުގެ ނަތީޖާއެއްގެ ގޮތުން ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ވާނެ ކަމަށެވެ. 

ދެގައުމުން އެއްބާރުލާ ދާއިރާތައް މިހާރަށް ވުރެ މާފުޅާވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖެއާއި ތުރުކީގެ ގުޅުމުގެ އާ ބާބުގެ ނަތީޖާއަކަށް ވެގެންދާނީ މިހާރަށް ވުރެ މާފުޅާދާއިރާއެއްގައި އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުންދީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެން ދިއުން ކަމަށެވެ.

"ރައީސް އުރުދުޣާނާއި ތުރުކީގެ ވެރިން ރާއްޖެއަށް ދީފައިވާ ހާއްސަ ކަމަށްޓަކައި ދިވެހިންގެ ފަރާތުން ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

މިދިޔަ ހޯމަ ރައީސް ޑރ. މުއިއްޒު ތުރުކީއަށް ވަޑައިގަތީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންގެ ރަސްމީ ދައުވަތުފުޅަކަށެވެ. އެ މަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ދިވެހި ސަރުކާރު ވަޒީރުންގެ އިސް ވަފުދެއް ބައިވެރިވެވަޑައިގެންފައިވެ އެވެ.

މި ދަތުރުފުޅުގައި އެކި ދާއިރާތަކުން މުހިންމު މަޝްވަރާތައް ކުރެވިފައިވެއެވެ. ތުރުކިޔޭގެ ވެރިރަށް އަންކާރާގެ ޕްރެޒިޑެންޝަލް ޕެލަސްގައި ކުރިއަށްދިޔަ ރަސްމީ ވާހަކަފުޅުގައި، ރައީސް ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ވަރަށް ވަރުގަދަކަން ފާހަގަކުރައްވައިފަ އެވެ.

ތުރުކީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާދަމާ ފަށާ ކޮޕް 28 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސް ޑރ. މުއިއްޒު ދެން ވަޑައިގަންނަވާނީ ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް