ރައީސް އޮފީހުން ބުނީ ރައީސްގެ އަރިހުގައި، ކޮޕް28 ގައި ބައިވެރިވެވަޑައިގަންނަވާ ދިވެހިރާއްޖޭގެ މަތީ ފަންތީގެ ވަފްދުވެސް ވަޑައިގެންނެވި ކަމަށެވެ.
ކޮޕް28 ބައްދަލުވުން ވެގެން ދާނީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް ރާވާފައިވާ ކަންކަމާ ގުޅޭ މައުލޫމާތު ބައިނަލްއަގުވާމީ މައިދާނުގައި ހިއްސާ ކުރުމަށް ލިބޭ އަގުހުރި ފުރުސަތެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އެ އޮފީހުން ބުނެފައި ވަނީ ކޮޕް28 ބައްދަލުވުމުގައި ރައީސް ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ މި ފެށޭ މަހުގެ އެއްވަނަ ދުވަހު ކަމަށެވެ.
ކޮޕް28 ބައްދަލުވުމަކީ ޕެރިސް އެއްބަސްވުމާ ގުޅިގެން ދުނިޔެއަށް ލިބިފައިވާ ކުރިއެރުންތައް ދެނެގަތުމުގެ ކަންކަން ކުރަމުންދާ މިދަނޑިވަޅުގައި މުހިންމު ދައުރެއް އަދާކުރާނެ ހާއްސަ ބައްދަލުވުމެއް ކަަމަށް ރައީސް އޮފީހުން ބުނެ އެވެ. ރައީސް އޮފީހުން ބުނި ގޮތުގައި ދުނިޔޭގައި ނެގޭ ފުރަތަމަ 'ގްލޯބަލް ސްޓޮކްޓޭކް' (ޖީއެސްޓީ) އިން ޕެރިސް އެއްބަސްވުން ތަސްދީގުކުރި ފަހުން ލިބުނު ކުރިއެރުންތަކުގެ މިންވަރު ވަޒަންކުރެވިގެންދާނެ ކަމުގަ އެވެ. އަދި މިކަމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރަމުންދާ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ކޮޕް28 ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ޔޫއޭއީއަށް ރައީސް ޑރ. މުއިއްޒު ރޭ ވަޑައިގަތީ، ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތޮއްޔިބް އުރްދުގާންގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހުގަ އެވެ.