ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދުގައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތައް ކުޑަކުރުމަށާއި ތިމާވެށި ހިމާޔަތްކުރުމަށް ރާއްޖޭން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު އިނގިރޭސިވިލާތުގެ ރަސްގެފާނާ ހިއްސާކުރައްވާފައި ކަަމަށް ރައީސް އޮފީހުން ބުނެ އެވެ.
އެ އޮފީހުން ބުނެފައި ވަނީ އިނގިރޭސިވިލާތުގެ ރަސްގެފާނު ވަނީ ތިމާވެށީގެ ކަންކަމުގައި ރާއްޖެއަށް އިނގިރޭސިވިލާތުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެ ކަމުގައި ވިދާޅުވެފައި ކަމަށެވެ.