ads
ރައީސް ޑރ. މުއިއްޒު ކޮޕް28 ސަމިޓުގައި ތަގުރީރުކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް
ރައީސް ކޮޕް ތަގްރީރުގައި ގޮވާލެއްވީ ހޫނުމިން 1.5 ޑިގްރީގައި ހިފަހައްޓައި ދިނުމަށް
ދުނިޔެ ހޫނުވާ މިންވަރު 1.5 ޑިގްރީގައި ހިފެހެއްޓުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވާނޭގޮތަށް ކަންކަން އިސްލާހުކޮށް، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ކުރާ ހޭދަ އިތުރުކުރުމަށް ދުނިޔޭގެ ލީޑަރުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
Advertisement

އެމަނިކުފާނު މިކަމަށް ގޮވައިލެއްވީ ޔޫއޭއީގައި މިހާރު ކުރިއަށްދާ ކޮޕް 28 ސަމިޓުގައި ތަގްރީރުކުރައްވަމުންނެވެ.

ކޮޕް28 ސަމިޓުގައި މިއަދު ހަވީރު ތަގުރީރުކުރައްވަމުން ރައީސް ވިދާޅުވީ ތިމާވެށީގެ ކަންކަމުގައި ފުރަތަމަ ކަމަކަށް ކުރުން އެންމެ މުހިންމު ކަމަކީ 1.5 ޑިގްރީގައި ދުނިޔޭގެ ފިނިހޫނުމިން ހިފެހެއްޓުމަށް ޓަކައި، ޕެރިސް އެގްރިމަންޓަށް ރިއާޔަތްކޮށް ޕްލޭނެއް އެކުލަވައިލުންކަމަށެވެ.

"އެ ޕްލޭން އެކުލަވައިލަންވާނީ ގައުމުތަކުގެ ނިސްބަތުން ހަމަހަމަކަމާއެކު. އަދި ލިބެން ހުރި އެންމެ ރަނގަޅު ވަސީލަތްތަކާއި ސައިންސްގެ ބޭނުން ހިފޭހެން. އަދި އެ ޕްލޭނުން ދެން ހާސިލް ކުރަން ހުރި އެންމެ މުހިންމު ލަނޑުދަނޑިތައް އެނގެންވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މީގެ 15 ދުވަސްކުރިން ރާއްޖޭގެ ވެރިކަމާ އެ މަނިކުފާނު ހަވާލުވެވަޑައިގެންނެވީ ރާއްޖޭގެ މަސްލަހަތު ހިމެނޭ އެންމެހައި ކަންކަން ހިމާޔަތްކޮށްދެއްވުމުގެ ވައުދުފުޅާއެކު ކަމަށެވެ. އަދި ކޮންމެ ދިވެހި ރައްޔިތަކަށް އުފާވެރި މުސްތަގްބަލެއް ހޯއްދަވައިދެއްވުމުގެ ވައުދުފުޅާއެކު ކަމަށެވެ.

ދުނިޔެ ހޫނުވާ މިންވަރު 1.5 ޑިގްރީގައި ހިފެހެއްޓުމަށް ދުނިޔޭގެ ލީޑަރުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލެއްވިއިރު، ޕެރިސް އެގްރިމެންޓަކީ ބޭކާރު އެއްޗަކަށް ވެ، އަދި ދުނިޔޭގެ ފިނިހޫނުމިން [މިހާރު ހުރި ވަރަށް ވުރެ] 1.5 ޑިގްރީ އަށް ވުރެ މަތިވިޔަ ނުދީ ހިފަހައްޓައި ނުލެވިއްޖެ ނަމަ މުރަކައިގެ ފަރުތައް މަރުވެ ރާއްޖެ ކަހަލަ ޖަޒީރާ ރަށްތަކުގެ ބަޔޯ ޑައިވާސިޓީ ގެއްލިގެން ދާނެ ކަމަށް ސައެންޓިފިކް ރިޕޯޓް ތައް ބުނެ އެވެ. އަދި މޫސުމާ ބެހޭ ސައެންސަކީ ސިޔާސީ ފުޓުބޯޅައެއް ނޫން ކަމަށް ސައިންސްވެރިން ހެކިވެ އެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ދިރާސާކުރާ ބައިނަލް އަގުވާމީ އެޖެންސީ އައިޕީސީސީ އިން އެންމެ ފަހުން ނެރުނު ރިޕޯޓްގައި ބުނެފައިވާ ގޮތުން ދުނިޔޭގެ ފިނި ހޫނުމިން މިހާރު ހުރި މިންވަރުގައި ދެމެހެއްޓުނަސް ކަނޑުގެ ލޮނުގަނޑު ދާނީ އުފުލެމުންނެވެ. ދުނިޔޭގެ ފިނިހޫނުމިން މިހާރު ހުރީ އެ ރިޕޯޓްގައިވާ ގޮތުން ސިނާއީ އިންގިލާބުގެ ކުރިން ހުރި ވަރަށް ވުރެ 1.5 ޑިގްރީ ސެލްސިއަސް މަތިކޮށެވެ. 

ރައީސް ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ އަޅުގަނޑުމެންގެ ކޮންމެ މުރަކަކޮޅެއް، ކޮންމެ ވެލިފުކެއް، އަދި ކޮންމެ މަހެއް، އަދި ކޮންމެ ރުކެއްގެ އަގެއްވާކަމަށެވެ. އަދި އެއިން ކޮންމެ އެއްޗަކަށް ލިބޭ ކޮންމެ ގެއްލުމަކީވެސް ގައުމަށާއި މުޅި އިގުތިސޯދަށް ލިބޭ ގެއްލުމެއްކަމަށެވެ.

"ދުނިޔޭގެ މާލީ ކަންކަން ހިނގާ އުސޫލާ އޮނިގަނޑަށް ބޮޑު ބަދަލެއް ގެންނަން ޖެހޭ. މީގެ ކުރީން ދުވަހަކުވެސް ނާންނަހައި އަވަހަށް މޫސުމަށް ބަދަލު އަންނަ ދުނިޔެއެއްގައި، ވަކި ހަމަތަކަކާ ގަވާއިދުތަކެއްގެ ތެރެއިން ކަންކަން ހަމަޖެހެންދެން އިންތިޒާރުކުރެވޭކަށް ނެތް. ފައިސާގެ ގާބިލްކަމާ ކަންކުރެވޭނެ ޤާބިލްކަން ވަޒަންކޮށްކޮށް ތިބޭކަށް ވަގުތެއް ނެތް. ފައިސާ ލިބޭނެ ގޮތްތައް ފަސޭހަވާން ޖެހޭ. އަދި ފައިސާ ދިނުމުގައި ބަލާ މިންގަނޑުތައްވެސް އަލުން މުރާޖާކުރަން ޖެހޭ" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މި އަހަރުގެ ކޮޕް ސަމިޓު ޔޫއޭއީގައި ބާއްވާއިރު އެ ގައުމުން ފޯރުކޮށްދިން ފުރިހަމަ މެހުމާންދާރީއަށް ޝުކުރު އަދައިކުރައްވައިފައެވެ. އަދި ކޮޕް28 ސަމިޓުގެ ރިޔާސަތު ބެލެހެއްޓުމުގައި އެ ގައުމުން އަދާކުރާ ދައުރު ބަލައިގަންނަކަމަށް ވިދާޅުވެފަ އެވެ.

ކޮޕް ސަމިޓަކީ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދު ކުރުމަށާއި އެޑަޕްޓޭޝަން މަސައްކަތްތައް ފުޅާކުރުމަށާއި ތިމާވެށީގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ބޭނުންވާ މާލީ ކަންކަން ފަހިކުރުމަށް މަސައްކަތް ކުރުމަށާއި އެކަމަށް ބާރުއަޅައި މަޝްވަރާ ކުރުމަށް ގައުމުތަކުގެ ލީޑަރުންނާއި އެކި ޖަމިއްޔާތަކާއި ވިޔަފާރިވެރިންނާ އެކު ކޮންމެ އަހަރަކު އެއް ފަހަރު ބާއްވާ ސަމިޓެކެވެ. 

މި އަހަރުގެ ސަމިޓުގައި 160 އަށް ވުރެ ގިނަ ގައުމުތަކުގެ ވެރިން ހިމެނޭހެން 70،000 ފަރާތަކުން ބައިވެރިވެވަޑައިގަންނަވަ އެވެ.

ކޮޕް 28 އިއްޔެ އިން ފެށިގެން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް