
ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޕީއެންސީގެ ރައީސް ޑރ. މުއިއްޒު ތުރުކީއަށާއި އދ. ގެ ކޮޕް-28 ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ކާމިޔާބު ދަތުރުފުޅަށް، ވަރަށް އިހްލާސްތެރި ކަމާ އެކު އެ ކޯލިޝަނުގެ ލީޑާޝިޕާއި ސެނެޓު އަދި ކޯލިޝަނުގެ އެންމެހާ މެންބަރުންގެ ފަރާތުން މަރުހަބާ ދަންނަވާ ކަމަށެވެ.
ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޑރ. މުއިއްޒު އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފައި ވަނީ ތުރުކީ ވިލާތަށެވެ. އަދި އެއަށްފަހު ކޮޕް-28 ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ދުބާއީއަށް ވަނީ ވަޑައިގެންފަ އެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ތުރުކީ އާއި އެހެންވެސް ގައުމުތަކުގެ އެންމެ އިސް ވެރިންނާ ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުންތަކުގައި އެ ގައުމުތަކާއި ރާއްޖެ އާ އޮތް ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމާ ގުޅޭގޮތުން ވަރަށް ކާމިޔާބު މަޝްވަރާތަކެއް ކުރެވުނު ކަމުގައި އެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
ނޫސްބަޔާނުގައި ބުނި ގޮތުގައި ތުރުކީ ވިލާތުގެ ވެރިންނާއި ކޮޕް-28 ސަމިޓުގެ ހަވާސާގައި ތަފާތު އެކި ގައުމުތަކުގެ ވެރިންނާއި ބައްދަލުކުރައްވާ ދިވެހިރާއްޖެއަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހިންގެވުމަށް އެ ގައުމުތަކުގެ އެހީތެރިކަން ހޯދުމުގެ މަޝްވަރާތައް ކާމިޔާބު ކަމާ އެކު ކުރިއަށް ގެންދެވި ކަމުގަ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައި ރާއްޖެއަށް ދިވެހީން ބޭނުންވާ ތަރައްގީ ހޯދައިދިނުމަށް ޑރ. މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގައި ކާމިޔާބަށް އެދޭ ކަމަށާއި އެ މަސައްކަތުގައި ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ އެންމެހާ މެންބަރުން އެ މަނިކުފާނާ އެކު ސާބިތުވެ ތިބޭނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.