ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި އެޖެންޑާގައި އޮތީވެސް ހަމަ އެކަނި އީވާ ވަކިކުރުމުގެ މައްސަލަ އެވެ. މި މައްސަލައިގެ މައްސަލައިގެ ނޯޓިސް މެންބަރުންނާއި އީވާއަށް މަޖިލީހުން ވަނީ ކުރިން ފޮނުވާފަ އެވެ.
އީވާ މަގާމުން ވަކިކުރަން ނޮވެންބަރު މަހު 13 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅީ 50 މެންބަރުންގެ ސޮޔާ އެކު އެވެ. ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރުނެތް ކަމުގެ މައްސަލަ ފާސްކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ތްރީލައިން ވިޕެއް ވަނީ ނެރެފަ އެވެ. އީވާ ވަކިކުރުމަށް ހުށަހެޅި ގަރާރުގައި ސޮއިކުރައްވާފައި ވަނީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީއަށް ނިސްބަތްވެޑައިގަންނަވާ 49 މެމްބަރުންނާއި އަމިއްލަ މެންބަރެއްގެ ގޮތުގައި މަޖިލިހުގައި އިންނަވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.
މަޖިލީހުގެ ނައިބު ރައީސް ކަމުން އީވާ ވަކިކުރަން އެމްޑީޕީން ހުށަހެޅީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންދެވި އެމްޑީޕީގެ މެންބަރުން ތަކުރާރުކޮށް އަޑުއުފުލި ފަހުންނެވެ. އެމްޑީޕީން ދެކޭ ގޮތުގައި މައްސަލަ ކުރިއަށް ނުގެންގޮސް އީވާ ލަސްކުރުވީ ގަސްތުގަ އެވެ. ރައީސް ނަޝީދުގެ މައްސަލަ ކުރިއަށް ގެންދިޔަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން އީވާ އެ ދުވަހު ވަޑައިގެންނެވުމުން އެމްޑީޕީގެ މެންބަރުން ވަނީ ތަޅުމުގައި ނުރުހުން ފާޅުކޮށްފަ އެވެ.
އެމްޑީޕީން މީގެ ކުރިން ވަނީ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ރައީސް ނަޝީދު ވަކިކުރަންވެސް ގަރާރެއް ހުށަހަޅާފަ އެވެ. މި މައްސަލަ ކުރިއަށް ނުގެންގޮސް ލަސްތަކެއް ވެގެން ދިޔައީ އީވާގެ ސަބަބުން ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ. އެ މައްސަލަ ހޫނުވެފައިވަނިކޮށް ރައީސް ނަޝީދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
މިހާރު މަޖިލިހުގެ ރައީސަކީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.
މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ހުށަހެޅޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ އެއްބައި މެންބަރުންނަށްވުރެ މަދު ނޫން މެންބަރުންގެ ސޮޔާ އެކުގަ އެވެ. މިވަގުތު އެ އަދަދަކީ 22 އެވެ.