ads
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް - ފޮޓޯ:ރައްޔިތުންގެ މަޖިލިސް
އިސްތިއުފާގެ ސިޓީ ލިބޭ ހިސާބުން އެ މައްސަލައެއް ނިމިގެން ދާނެ: އަސްލަމް
އިސްތިއުފާގެ ސިޓީ ލިބޭ ހިސާބުން އެ މައްސަލައެއް ނިމިގެން ދާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިސްތިއުފާގެ ސިޓީ މިއަދު 09:42 ގައި މަޖިލިހުގެ ރައީސަށް ލިބިފައިވާ ކަމަށެވެ. އެކަން މަޖިލިހުގެ ރައީސް އިއުލާނު ކުރެއްވުމަށްފަހު، މަޖިލިހުގެ އަމީންއާންމު ވަނީ އީވާގެ އިސްތިއުފާގެ ސިޓީ އިއްވާފަ އެވެ.

އީވާގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 82 މާއްދާގެ (ނ) ގެ ދަށުން މިއަދުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާދީ އެކަން މަޖިލީހުގެ ރައީސްއަށް އަންގާ ކަމަށެވެ.

އީވާގެ ސިޓީ އިއްވުމާ އެކު، މަޖިލިހުގެ ބައެއް މެންބަރުން ވަނީ ނިޒާމާ ބެހޭ މައްސަލަތައް ނަންގަވާފަ އެވެ. އެގޮތުން ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ނިޒާމާ ބެހޭ މައްސަލައެއް ކަމުގައި ވިދާޅުވީ މަޖިލީހުގައި އިތުބާރުނެތް ކަމުގެ ވޯޓަކަށް ޖަލްސާއެއް ބޭއްވި އެ ޖަލްސާގައި ޖަވާބުދާރީވެއްޖެ ނަމަ، ޖަލްސާ ކުރިއަށް ގެންދެވޭނީ ބަހުސްކޮށްފައި ވޯޓަކުން ކަމަށެވެ. އީވާގެ އިސްތިއުފާގެ ސިޓީ އާއެކު މަޖިލިހުގެ ޖަލްސާ ކުރުނުކުރުމަށް އެދިވަޑައިގެން ޝަރީފް ވިދާޅުވީ މިފަދަ މައްސަލައެއްގައި ޖަވާބުދާރީވެއްޖެ ނަމަ، ދިފާއުގައި ވާހަކަ ދެއްކުމުގެ ހައްގުވެސް އޮންނަން ޖެހޭނެ ކަމަށާއި މައްސަލަ ނިމިގެން ދާން ޖެހޭނީ ވޯޓަކުން ކަމަށެވެ.

ކެލާ ދާއިރާގެ މެންބަރު ޝަރީފުގެ ނިޒާމާ ބެހޭ މައްސަލަ އާ ގުޅިގެން ރައީސް އަސްލަމް ވިދާޅުވެފައި ވަނީ މެންބަރު ފާހަގަކުރެއްވި ފަދަ މާއްދާއެއް މަޖިލިހުގެ ގަވާއިދުގައި ފެންނަން ނެތް ކަމަށެވެ.

"މަޖިލީހުގެ ގަވާއިދުގައި އެފަދަ މާއްދާއެއް އޮތް ކަމުގައި ވަނީ ނަމަ، އެފަދަ މާއްދާއެއް ބަޔާންކޮށް އެ ވާހަކަ އަންގަވައި ދެއްވުން އެދެން. މަޖިލީހުގެ ގަވާއިދު ބަޔާންކުރާ ގޮތުން އިސްތިއުފާގެ ސިޓީއެއް މަޖިލީހުގެ ރައީސްއަށް ލިބުމުން އެއީ އިސްތިއުފާ ދެވުނީ. އިސްތިއުފާ ދިނުމަށްފަހު، ދެން އެ އިސްތިއުފާ އާ ގުޅޭ މައްސަލައެއް އަޅުގަނޑަށް ކުރިއަށް ގެންދެވިދާނެ ކަމަށް ފެންނަން ނެތް ވާހަކަ ދަންނަވަން،" - ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް

މަޖިލިހުގެ ރައީސް އެކަން ފާހަގަކުރެއްވުމުން ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ނިޒާމާ ބެހޭ މައްސަލައެއް ނަންގަވައި ވިދާޅުވި ގޮތުގައި މިއަދު މަޖިލިހުގެ ޖަލްސާ އެޖެންޑާކޮށްފައި ވަނީ ނައިބު ރައީސް ވަކިކުރުމަށް ކަމަށާއި އެކަން އެހެން އޮވެ، ޑިއުޕްރޮސެސްއެއް މަޖިލީހުން ހިންގަމުން ގޮސްފި ކަމުގަ އެވެ. އެހެންނަމަވެސް މައްސަލައިގެ ވަކި ހިސާބަކުން އެކަން އަނބުރާލާފައި ގެންދެވިދާނެ ކަމަށް ނިންމެވުމަކީ އުސޫލުތަކަށް ބަލާއިރު ހަމަ ނޫން ކަމުގައި އޭނާއަށް ފެނިވަޑައިގަންނަވާ ކަމަށް އިކްރާމް ވިދާޅުވި އެވެ.

ދިއްގަރު ދާއިރާގެ މެންބަރު އިކްރާމްގެ ނިޒާމާ ބެހޭ މައްސަލައަށް ރިޔާސަތުން އަސްލަމް ވިދާޅުވީ އެމަނިކުފާނަށް މަޖިލިސް ކުރިއަށް ގެންދެވޭނީ މަޖިލިހުގެ ގަވާއިދު ބަޔާންކުރާ ގޮތުގެ މަތިން ކަމަށެވެ. މަޖިލިސް ގަވާއިދު ބަދަލުކުރުމުގެ އިހުތިޔާރު ލިބިފައި ވަނީ މަޖިލިހުގެ މެންބަރުންނަށް ކަމަށާއި ކުރިއަށް އޮތް ތަނުގައި ގަވާއިދަށް ގެންނަން ޖެހޭ ބަދަލެއް އޮތް ނަމަ އެކަން ކޮށްދިނުމަށް މެންބަރުންގެ ކިބައިން އަސްލަމް ވަނީ އެދިވަޑައިގެންފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް