ރައީސް އޮފީހުން ބުނީ ތުރުކީވިލާތުގެ ރައީސް ރަޖަބް ތޮއްޔިބް އުރްދުގާންގެ ދައުވަތަކަށް ކުރެއްވި މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ އާއި ތުރުކީވިލާތުގެ ރައީސް ވަނީ އަންކާރާގައި ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައި ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރައިސް އޮފީހުން ބުނެފައި ވަނީ ވިޔަފާރީގެ ދާއިރާ އާއި އިންވެސްޓްމަންޓާއި އިޔާދަކުރަނިވި ހަކަތަ އާއި މަތީ ތައުލީމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވި ކަމަށެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތުރުކީވިލާތުގެ ނައިބު ރައީސާއި ތުރުކީވިލާތުގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީގެ ޗެއާމަން އަދި ރައީސްގެ އިތުރުން އެ ގައުމުގެ ބައެއް އިސްވެރިންނާވެސް ބައްދަލުކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ދެން ވަޑައިގެންނެވީ، 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް އޮފް ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް-28) ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޔޫއޭއީގެ ދުބާއީއަށެވެ. މި ދަތުރުފުޅުގައި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ދުނިޔޭގެ ލީޑަރުންނާ އެކު މަތީ ފަންތީގެ މަޝްވަރާތައް ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ކޮޕް-28 ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި ގައުމީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުއިއްޒު ދެއްކެވި ވާހަކަފުޅުގައި މި ބައްދަލުވުމުގައި ރާއްޖޭން ކުރާ އުންމީދުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ކުޑަކުރުމަށް ގައުމުތަކުން އަޅާ ފިޔަވަޅުތައް ވަޒަންކުރާ "ގްލޯބަލް ސްޓޮކްޓޭކް" އިން، ޕެރިސް އެއްބަސްވުމާ އެއްގޮތަށް، ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް އަމާޒު ހިފަންޖެހޭކަން ފާހަގަކުރެއްވި އެވެ.
ދިވެހި ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އުފައްދައިދޭނެ އިއާދަކުރަނިވި ހަކަތައިގެ ނިޒާމެއް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ގާއިމުކުރުން ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސް މިލިއަން ގަސް އިންދުމުގެ ގައުމީ މަޝްރޫއެއް ފައްޓަވާނެ ކަމުގައި އެމަނިކުފާނު އިއުލާނުކުރެއްވި އެވެ.
ރައީސް ތުރުކީވިލާތަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ސަރުކާރުގެ އިސްވެރިން ހިމެނޭ ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ސަރުކާރުގެ އިސްވެރިން ހިމެނޭ ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް، ޔޫއޭއީ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި އެވެ.