ads
އިންޑިޔާ ސަރުކާރުން ދީފައިވާ ހެލިކޮޮޕްޓަރު: ހެލިކޮޕްޓަރާއި ޑޯނިއާ ބޭނުންކުރުން ހުއްޓާނުލައި ކުރިއަށް ގެންދަން އަންނަނީ މަޝްވަރާކުރަމުން - ފޮޓޯ:އެމްއެންޑީއެފް
ހެލިކޮޕްޓަރާއި ޑޯނިއާ ބޭނުންކުރުން ކުރިއަށް ގެންދަން މަޝްވަރާކުރަނީ
ރާއްޖޭގައި ބޭނުންކުރާ އިންޑިއާގެ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާ ބޯޓުގެ ބޭނުންކުރުން ހުއްޓާނުލައި ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި މަޝްވަރާ ކުރަމުން އަންނަ ކަމަށް އިންޑިއާގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުގައި އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުކޮށްފައި ވަނީ ރާއްޖޭގައި ބޭނުން ކުރަމުން އަންނަ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާ ބޯޓު ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތެއް ނިންމާނީ ދެ ގައުމުން އެކުލަވާލަން ނިންމި ކޯ ގްރޫޕުގެ މަޝްވަރާގެ މަތިން ކަމަށެވެ. ރާއްޖޭގައި އިންޑިއާގެ ވަސީލަތްތައް ބޭނުންކުރުމުގެ މުހިންމުކަން ރާއްޖޭން ފާހަގަކޮށްފައިވާ ކަމަށް އޮފިޝަލުން ފާހަގަކުރައްވާފައިވެ އެވެ.

"މި ވަސީލަތްތަކުގެ ބޭނުންތެރިކަން ރާއްޖޭންވެސް ފާހަގަކުރި. މި ވަސީލަތްތަކުގެ އޮޕަރޭޝަން ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތަކާ މެދު ކުރާ މަޝްވަރާތައް އަދި ނުނިމޭ. މިކަން ކުރިއަށް ގެންދާނެ ގޮތެއް ނިންމާނީ ދެ ގައުމުން އެކުލަވާލަން ނިންމި ކޯ ގްރޫޕުގެ މަޝްވަރާއިން،" އިންޑިއާގެ އޮފިޝަލަކު ރޮއިޓާސްއަށް ވިދާޅުވެފައިވެ އެވެ.

އިންޑިއާގެ އޮފިޝަލުން ނޫސްތަކަށް މިހެން މައުލޫމާތުދެއްވާފައިވާއިރު، ދުބާއީގައި ބޭއްވި ކޮޕް ސަމިޓުގެ ހަވާސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޭއްވެވި ބައްދަލުވުމުގައި ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމަށް އެއްބަސްވެފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ތުރުކީވިލާތަށާއި ޔޫއޭއީގެ ދުބާއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ކުރާނީ ޑިޕްލޮމެޓިކް އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. މި މަސައްކަތުގައި އިންޑިއާގެ އެހީތެރިކަން ލިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް