
241 ކޮމިޓީއަށް މުގައްރިރަކު ހޮވަން މިއަދު ބޭއްވި ބައްދަލުވުމުގައި ގަފޫރުގެ ނަން ހުށަހެޅުއްވީ ދުވާފަރު ދާއިރާގެ އެމްޑީޕީ މެންބަރު އިސްމާއީލް އަހުމަދެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ހޯރަފުށި ދާއިރާގެ އެމްޑީޕީ މެމްބަރު މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮންނަ 241 ކޮމިޓީގެ މުގައްރިރަކަށް ގަފޫރު އިންތިހާބު ކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
އެކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތަކީ ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި ގައުމީ ސަލާމަތުގެ ކަންކަން ދިރާސާކުރުމާއި ގައުމީ ސަލާމަތުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްނަމަ، އެކަމެއް ފާހަގަކޮށް އެކަމެއް މަޖިލީހަށް ހުށަހެޅުމެވެ،
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީއަކީ މަޖިލީހުގައި އޮންނަންވާނެ ކަމަށް ގާނޫނު އަސާސީގައި ބުނާ ހަމައެކަނި ކޮމިޓީ އެވެ. ޤާނޫނުއަސާސީގެ 241 ވަނަ މާއްދާގައި ބުނެފައިވަނީ ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބަލަމުން ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއް އޮންނާންވާނެ ކަމަށެވެ. އަދި މި ކޮމިޓީގައި ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ހުރިހައި ސިޔާސީ ޕާޓީތަކުން މެންބަރުން ހިމަނާންވާނެ ކަމަށެވެ.
މި ކޮމިޓީގެ މުގައްރިރަކަށް ކުރިން ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލީހުގެ ރައީސަށް ދާއިމީ އެއްވެސް ކޮމިޓީއެއްގެ މުގައްރިރު ކަމެއް ނުކުރެވޭނެ އެވެ.