އެފްޑީސީން މިގޮތަށް ނިންމާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ހިނގާ ހަރަދު ހާމަކުރުމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅިގެންނެވެ.
އެފްޑީސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރައީސް މުއިއްޒުގެ އިސްނެންގެވުމާ އެއްގޮތަށް، އެ ކުންފުނިން ކުރާ ކޮންމެ ރަސްމީ ދަތުރެއް ނިންމާތާ 15 ދުވަހުގެ ތެރޭގައި އެ ދަތުރެއްގެ ހަރަދުތައް ހާމަކުރާނެ ކަމަށެވެ.
އެފްޑީސީގެ އެ ޕޯސްޓް ކުއޯޓް ކުރައްވާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލްވެސް ވަނީ އެ ކުންފުނިން ދަތުރުފަތުރަށް ކުރާ ހޭދަ ރިސީޕްޓްތަކާ އެކު ހާމަކުރާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ރައީސް އޮފީހުން މިދިޔަ ހޮނިހިރު ދުވަހު ބުނެފައި ވަނީ ރައީސް މުއިއްޒު ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ހިނގާ ހަރަދުތަކުގެ މައުލޫމާތު ކޮންމެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރައްވާ ގޮތަށް އެމަނިކުފާނު ނިންމަވާފައިވާ ކަމަށެވެ.
ރައީސްގެ މި ނިންމެވުމަކީ ރަސްމީ ދަތުރުފުޅުތަކުގެ މައުލޫމާތު ހޯދަން އަބަދުވެސް ނޫސްވެރިން ވަރަށް މަސައްކަތްކުރަން ޖެހޭކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާތީ ނިންމެވި ނިންމެވުމެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.