ads
އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހޫގޯ ޔޮން، ރާއްޖޭގެ ދިފާއީ ވަޒީރު ގައްސާން ބައްދަލު ކުރެއްވުން
ރާއްޖެ-އެމެރިކާ ދިފާއީ ގުޅުން ވަރުގަދަކުރަން މަޝްވަރާކޮށްފި
ރާއްޖެ އާއި އެމެރިކާ ދެމެދު އޮތް ދިފާއީ ގުޅުން ވަރުގަދަ ކުރަން ދެ ގައުމުން މަޝްވަރާކޮށްފި އެވެ.

މިކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވަނީ ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން އާއި އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ސަފީރު ހޫގޯ ޔޫ-ހޯ ޔޮން އިއްޔެ ބޭއްވި މަޝްވަރާ ބައްދަލުވުމެއްގަ އެވެ.

ޑިފެންސް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ދިފާއީ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ގުޅޭގޮތުން ކަމަށެވެ.

ރާއްޖެ-އެމެރިކާގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކަށާއި ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމަށް އެމެރިކާ ސަފީރު މީގެ ކުރިން ވަނީ މިދިޔަ މަހު 17 ވަނަ ދުވަހު ރާއްޖޭގެ ވެރިކަމާއި އަލަށް ހަވާލުވެވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރައްވާ ވިދާޅުވެފަ އެވެ.

ރާއްޖެއާއި އެމެރިކާ އާއި ދެމެދު ދިފާއީ ގުޅުން ވަރުގަދަ ކުރުމަށް 2020 ވަނަ އަހަރުގެ ތެރޭގައި ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން މެރިޓައިމް ސެކިޔުރިޓީސް ގެ ރައްކާތެރިކަން ދެމެހެއްޓުމަށް އެއްބާރުލުން އިތުރުކޮށް، ޓެރަރިޒަމާ ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތް ހަރުދަނާކޮށް ގުދުރަތީ ކާރިސާތަކާއި އިންސާނީ އެހީ އަށް ބޭނުންޖެހޭ ހާލަތްތަކުގައި ގުޅިގެން އޮޕަރޭޝަން ހިންގުން ހިމެނެ އެވެ.

ދިވެހިރާއްޖެއިން އެމެރިކާއާ އެކު ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ، 1965 ވަނަ އަހަރުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް