ads
ނިޒާމީ ވޯޓާ ގުޅޭ ބިލު ބޭރުކޮށްލައިފި - ބިލު ހުށައެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި ޑިމޮކްރޭޓްސްގެ ތަރުޖަމާނު އިމްތިޔާޒު ފަހުމީ...
ނިޒާމީ ވޯޓާ ގުޅޭގޮތުން ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހް ބޭރުކޮށްލައިފި
ރާއްޖޭގައި ވެރިކަން ކުރާ ނިޒާމް ބަދަލުކުރަން ރައްޔިތުންގެ މެދުގައި ނަގާ ވޯޓަކުން ނިންމައިފިނަމަ ގާނޫނު އަސާސީ ބަދަލުކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ގޮތަށް ހުށަހަޅާފައިވާ ދިވެހި ރާއްޖޭގެ ޖުމުހޫރިއްޔާގެ ގާނޫނު އަސާސީއަށް އިސްލާހް ގެނައުގެ އިސްލާހު މަޖިލީހުން ބޭރުކޮށްލައިފި އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި ދަ ޑިމޮކްރެޓްސް އިން ކުރާ މަސައްކަތުގައި އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު ފާސްކުރުމާ މެދު ނެގި ވޯޓުގައި އިސްލާހު ފާސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 12 މެމްބަރުންނެވެ. 44 މެންބަރުން ވަނީ ނިޒާމީ އިސްލާހާއި ދެކޮޅަށް ވޯޓު ދެއްވައިފަ އެވެ. 

ގާނޫނު އަސާސީގެ 262 ގައި ވާ ގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ގާނޫނު އަސާސީއަށް ގެންނަ ބަދަލުތައް ރައީސުލްޖުމްހޫރިއްޔާއަށް ތަސްދީގު ކުރެއްވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ފާސްކޮށްގެންނެވެ.

އިމްތިޔާޒް ހުށަހަޅުއްވާފައި ވަނީ ގާނޫނު އަސާސީގެ 262 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރު ކުރުމަށެވެ.

އޭގައި ވަނީ، "މި މާއްދާގެ (ށ) ގައި އެހެން އޮތްކަމުގައި ވިޔަސް، ގާނޫނު އަސާސީއަށް އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއްގައި، މި ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ (ށ)ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ގާނޫނު ހެދުމުގެ އާންމު ބާރުތަކުގެ ތެރެއިން، ރައްޔިތުންނާ ގުޅޭ މުހިންމު ކަމެއްގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގާފައިވާ ކަމެއް ހިމެނޭ ނަމަ، ނުވަތަ އެ ކަމަކާ ގުޅިގެން އިތުރު އިސްލާހެއް ގެނެސްފައިވާ ނަމަ، އެ ބިލަކަށް ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމެއް ނޯންނާނެއެވެ،" މިގޮތަށެވެ. 

މެންބަރު އިމްތިޔާޒު ހުށަހެޅުއްވީ މަޖިލީހަށް ލިބޭ ބާރަކުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށްފަހު ގެންނަ ބަދަލުތައް ތަސްދީގުކުރުމުގެ ކުރިން ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގަން ނުޖެހޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށެވެ.

ގާނޫނު އަސާސީގެ 262 ވަނަ މާއްދާ އެގޮތަށް ބަދަލުކުރުމުގެ ހިޔާލު އެންމެ ފުރަތަމަ ފާޅުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އަދި ރާއްޖޭގެ ކުުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ނަޝީދު މިފަހުން ވިދާޅުވީ ގާނޫނުއަސާސީގެ 262ވަނަ މާއްދާގެ (ށ)އަށް ގެނެވޭ އިސްލާހާއެކު 70 ވަަނަ މާއްދާގެ ދަށުން ނަގާ ވޯޓަކުން، އެ ވޯޓު ނަގައިފައި އޮއްވައި ދެން އަލުން ރައީސުލްޖުމްހޫރިއްޔާއަށް އެ ފަދަ ގާނޫނެއް ތަސްދީގުކުރުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގަން ނުޖެހޭނެ ކަމަށެވެ.

ގާނޫނު އަސާސީ އިސްލާހުކުރުމުގެ ބާބުގެ 262ވަނަ މާއްދާގެ (ށ)ގައިވަނީ ރައީސުލްޖުމްހޫރިއްޔާ ބިލެއް ގާނޫނަކަށް ތަސްދީގުކުރަންވާނީ އެ އިސްލާހެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ހިޔާލު ހޯދުމުގެ އާންމު ވޯޓަކުން އަޣުލަބިއްޔަތު ލިބިއްޖެނަމަ ކަމަށެވެ. ނުލިބޭނަމަ އެ ބިލެއް ބާތިލްވާނެއެވެ.

ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ 6 ވަނަ ނަމްބަރުން މަޖިލީހަށް ވަނީ ރައްޔިތުންނާ ގުޅޭ މުހިންމު ކަމެއްކަމަށް މަޖިލީހަށް ފެންނަ ކަންކަމުގައި އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓަކަަށް ދިއުމުގެ ބާރު ދީފަ އެވެ.

އެހެންކަމުން މި ދެ މާއްދާގައި އެއްކަމެއް ތަކުރާރުވާތީ މަޖިލީހުން ނަގާ ވޯޓަށްފަހު ރައީސުލްޖުމްހޫރިއްޔާއަށް އިތުރު ވޯޓެއް ނަގަން ނުޖެހޭ ގޮތަށް 262ވަނަ މާއްދާގެ (ށ) އިސްލާހުކުރެވިދާނެ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް