ads
ހުވަދޫ އެއިޑްގެ ފަރާތުން ކޮޕް-28ގައި ބައިވެރިވާ ޓީމް - ފޮޓޯ: ހުވަދޫ އެއިޑް
ހުވަދޫ އެއިޑުން އިސްނަގައިގެން ޖަމިއްޔާ ތަކުގެ ޓީމެއް ކޮޕް-28 އަށް
ހުވަދޫ އެއިޑުން އިސްނަގައިގެން ރާއްޖޭގެ މަދަނީ ޖަމްއިއްޔާތަކުގެ ޓީމެއް ކޮންފަރެންސް އޮފް ދަ ޕާޓީސް އޮފް ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް-28)ގައި ބައިވެރިވެއްޖެ އެވެ.

މި އަހަރުގެ ނޮވެމްބަރު މަހުގެ 30 އިން ޑިސެމްބަރު މަހުގެ 12 އަށް އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގައި ކުރިއަށްދާ ކޮޕް-28ގެ ބައްދަލުވުމުގައި ހުވަދޫ އެއިޑްގެ ޓީމް ވަނީ މި މަހުގެ އެއްވަނަ ދުވަހު ބައިވެރި ވެފަ އެވެ.

އަމިއްލަ ޖަމިއްޔާއެއް ކަމަށް ވާ ހުވަދޫ އެއިޑުން މައުލޫމާތު ދިން ގޮތުގައި، މި ބައްދަލުވުމަށް ދަތުރުކުރީ ހަތަރު ޖަމިއްޔާއެއް ގުޅިގެން އެކުލަވާލި އަށް މީހުންގެ ޓީމެއް ކަމުގަ އެވެ. މި ޓީމުގައި އިތުރަށް ހިމެނެނީ މޯލްޑިވްސް ފެމިލީ ފައުންޑޭޝަނާއި ސައުތް ހުވަދޫ ޕާޓްނާސްގެ އިތުރުން މާވަހި އެންޖީއޯގެ މެންބަރުންނެވެ.

އެ ޖަމިއްޔާއިން ބުނީ ހުވަދޫ އެއިޑަކީ އަބަދުވެސް 'ކްލައިމެޓް ޖަސްޓިސް' އަށް ވަކާލާތު ކުރާ ޖަމިއްޔާއެއް ކަމަށެވެ. އެގޮތުން މި ބައްދަލުވުމުގައި ބައިވެރި ވުމުގެ އެންމެ މުހިންމު ބޭނުމަކީ މޫސުމަށް އަންނަ ބަދަލު ތަކުގެ ސަބަބުން ރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމަކަށް ލިބިދާނެ އެންމެހާ ގެއްލުންތަކުގެ ވާހަކަ ދުނިޔޭގެ ސަމާލުކަމަށް ގެނައުން ކަމަށެވެ.

މީގެއިތުރުން ބައެއް ކެޕޭސިޓީ ބިލްޑިން ވޯކްޝޮޕްތަކާއި ސައިޑް އިވެންޓް ފޯރަމް ތަކުގައި އެ ޓީމުން ބައިވެރި ވާނެ ކަމަށް ހުވަދޫ އެއިޑުން ބުނެ އެވެ.

ކޮޕް-28ގައި ހުވަދޫ އެއިޑްގެ ޓީމު ވަނީ ގޭމްބިއާގެ އިކޯސިސްޓަމް ބޭސްޑް އެޑޮޕްޝަން ޕްރޮޖެކްޓްގެ މެނޭޖަރާ ވެސް ބައްދަލު ކުރައްވައި، ތިމާވެށީގެ ދާއިރާ ތަކުން މަޝްވަރާ ކުރައްވާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް