ރައީސް މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމެވި ނިންމެވުންތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރަށްރަށުގައި އަޅާފައިހުރި ރޯހައުސްތަކާއި ފްލެޓުތަކާ އަދި ގެދޮރުގެ ހައުސިން ޔުނިޓުތައް މިހާރު ކުއްޔަށް ދީފައި ހުރީ މަހަކު 5،000 ރުފިޔާ ނުވަތަ އެވަރުގެ ބޮޑެތި އަގުތަކުން ކުލި ދައްކާގޮތަށް ކަމަށެވެ. އެ އަގުތައް ކުޑަކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވެފައި ވަނީ އެކަމާ ގުޅޭގޮތުން ހުށަހެޅުނު ޕޭޕަރަށް މަޝްވަރާކުރުމަށްފަހު ނިންމާފައި ވަނީ ހުރިހާ ރަށެއްގައިވެސް އަޅާފައިހުރި ގެދޮރުވެރިކަމުގެ ހައުސިން ޔުނިޓުތަކުގެ މަހު ކުލި 3،330 ރުފިޔާއަށް ކުޑަކުރާގޮތަށް ކަމަށެވެ.
އެ އަދަދަށް މަހު ކުލި ކުޑަކުރި ނަމަވެސް ހައުސިން ޔުނިޓުގެ އަގު އަދާކުރަން ޖެހޭނީ މިހާރުވެސް އޮތް ގޮތަށް 20 އަހަރު ދުވަހުގެ ތެރޭގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ ތަންތަނުގެ އިތުރުން ކުރީގައި ބައެއް ހައުސިން ޔުނިޓުތައް 2،500 ރުފިޔާއަށް ވެސް ދީފައި އެބަހުރި ކަމަށާއި އެފަދަ ތަންތަނުން މަހު ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ މިހާރުވެސް ދައްކަމުން އަންނަ އަދަދު ކަމުގަ އެވެ.