ads
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނެކަމަށް ގެޒެޓް ކުރެވިފައިވާ ފަރާތްތަކުގެ ފްލެޓްތައް ބާތިލްނުކުރުމަށް އެދި ހުށަހަޅުއްވާފައިވާ ޕެޓިޝަނާ ގުޅިގެން ކުރީގެ މިނިސްޓަރ އޮފްސްޓޭޓް ފޯ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާއާ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރާ ބައްދަލުކުރެއްވުމުގެ ތެރެއިން - ފޮޓޯ: ރައްޔިތުން މަޖިލިސް
ފްލެޓުތައް ދޫކުރުން ހުއްޓާލަން އެންގީ މަސައްކަތް ނިންމި ފަހުން: އަކްރަމް
އެންޓިކޮރަޕްޝަން ކޮމިޝަން އޭސީސީއިން ފްލޭޓު ދޫކުރުމުގެ މަސައްކަތް ކުރުން ހުއްޓާލުމަށް އެންގީ، މަސައްކަތް ކުރިއަށް ގެންގޮސް ނިންމާލި ފަހުން ކަމަށް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.
Advertisement

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިއުލާން ކޮށްފައިވާ ފްލެޓްތަކުގެ ލިސްޓުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީ އަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅިގެން މިއަދު ބޭއްވި ބައްދަލުވުމަށް އަކްރަމާއި ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ހާޒިރުކުރި އެވެ.

ކޮމިޓީގައި އަކްރަމް ވިދާޅުވީ މަސައްކަތް ކުރިއަށް ގެންދިޔައީ އޭސީސީ އިން އެކަން ކުރުމަށް ހުއްދަ ދޭނެ ވާހަކަ ބުނުމުން ކަމަށެވެ. ނަމަވެސް ފުލެޓުތަށް ދޫކުރުން ހުއްޓާލުމަށް އެންގި އިރު މަސައްކަތް ނިމިފައިވާ ކަމަށް ވިދާޅުވި އެވެ. 

އަކްރަމް ވިދާޅުވީ ގެދޮރުވެރިންގެ ފުލެޓުތަކުގެ މައްސަލައިގައި ރައީސް ސޯލިހުގެ ސަރުކާރުން މަސައްކަތް ކޮއްފާވައިގޮތުގައި އެއްވެސް ގޯހެއް ހަދާފައި ނުވާނެ ކަމަށެވެ. މީގެ އިތުރުން އަކްރަމް ވިދާޅުވީ މީ އަވަސް އަރުވާލައިގެން ކުރިކަމެއް ނޫން ކަމަށާއި މީ ވަރަށް ހަމަޖެހިގެން ކުރި ކަމެއް ކަމަށެވެ. 

އަކްރަމް ވިދާޅުވީ އޭސީސީ އަކަށް މަސައްކަތް ހުއްޓަން ނޭންގޭނެ ކަމަށާއި އެއީ އޭނާ ގަބޫލް ކުރާ ގޮތެއް ނޫން ކަމަށެވެ. އަދި ހަމައެހެންމެ އޭސީސީއަށް އެރުވޭނީ ލަފާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

"މިހާރު މި ޖެހިގެން އުޅޭ މައްސަލައަކީ އޭސީސީން މި ހުއްޓުވި މައްސަލަ. މި ހުއްޓަން އަންގައިފައި އޮއްވައި އަޅުގަނޑުމެން އެ ކަން ކުރިއްޔޭ،" އަކްރަމް ވިދާޅުވި އެވެ.

ގެދޮރުވެރިންގެ ފުލެޓް ލިސްޓުގައި ފުރަތަމަ އާންމު ކުރި ލިސްޓަށް ގިނަ އަދަދެއްގެ ރައްޔިތުން ނުރުހުން ފާޅުކުރުމުން ކުރީގެ ރައީސް ސޯލިހު ނިންމެވީ ލިސްޓަށް ޝަކުވާ ހުށައަޅަން ހުޅުވާލުން ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން މި ލިސްޓަށް 7،000 އަށް ވުރެ ގިނަ މައްސަލަ ހުށައަޅާފައިވާ ކަމަށާއި ގިނަ މައްސަލަތައް ހުރީ މާލޭގައި ދިރި އުޅެފައިވާ މުއްދަތާ ބެހޭ ގޮތުން ކަަމަށެވެ. އެހެންނަމަވެސް އެކަމަކީ އެލިޖަބަލް ކުރައިޓީރިއާގައި ހިމެނޭ ކަމަކަށް ވުމުން އެ މުއްދަތަށް އިތުރު މާކްސެއް ދީފައި ނުވާނެ ކަމަށް އަކުރަމް ވަނީ ވިދާޅުވެފަ އެވެ. 

އެކަމާމެދު އައިސްފައިވާ ޝަކުވާތައް ފިޔަވާ އެހެން ޝަކުވާތަކާ ގުޅިގެން އެޕްލިކޭޝަން އަށް ބަދަލު ގެނަސްފައި ވާނެ ކަމަށް އަކްރަމް ވަނީ ވިދާޅުވެފަ އެވެ. 

ފުލެޓު ދޫކުރުން ހުއްޓާލުމަށް އޭސީސީއިން މިނިސްޓްރީއަށް އަންގާ ސިޓީ ލިބުނީ މަސައްކަތް ނިންމާލި ފަހުން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

އަކްރަމް ވިދާޅުވީ މި ނިމިދިޔަ ނޮވެންބަރު މަހުގެ 15 ވަނަ ދުވަހު ހުރިހާ މަސައްކަތެއް ނިންމާފައިވާނެ ކަމެށެވެ. އަދި ހަމަ އެހެންމެ އޭސިސީގެ ލަފައެއް ހޯދުމަށް މިނިސްޓްރީ އިން އެދުނު ކަމަށާއި އޭރު އެކަން ކުރިއަށް ގެންދަން ހުއްދަ އޮތް ކަމަށް އޭސީސީއިން ބުނި ކަމަށެވެ. އަދި ސިޓީ ފޮނުވާނެ ކަމަށްވެސް އެބޭފުޅުން ބުނި ކަމަށް އަކްރަމް ވަނީ ވިދާޅުވެފަ އެވެ. 

"ވިދާޅުވީ އެކަމުގައި ހުއްދަ ދީފައި ތިއަށް ފޮނުވާނަމޭ ކުރިއަށް ގެންދަން. ކޮންމެ އަކަސް އެ ސިޓީއެއް ނައި. ނައިމައި އަޅުގަނޑުމެން ސިޓީއެއް ފޮނުވީ ހަވީރު. އަޅުގަނޑުމެން މައްސަލަތައް ބަލައި ނިންމައިފީމޭ. ނިމުނު ވާހަކަ. ކޮންމެހެން ހުއްދައެއް ހޯދާކަށް ނުޖެހޭ ނޫންތޯ ކުރިއަށްދާކަށް،" އަކްރަމް ވިދާޅުވިއެވެ.

އޭނާ ވިދާލުވީ ފުރަތަމަ ފުލެޓުލިބޭ 4،000 މީހުން އިއުލާނު ކުރުމުގެ މަސައްކަތް ކުރި ކަމަށާއި އަދި މި މަސައްކަތް ކޮއްފައިވާނީ ލައިވްކޮށް ކަމަށެވެ.

"އަނެއް ދުވަހު އޮފީހަށް އައިސްފައި ގާތްގަނޑަކަށް 10އެއް ޖަހައި އެހައިކަންހާއިރު ސެކްޝަނަށް މި އައީ އޭސީސީގެ (ސިޓީ) އޭގައި 'އަވަސް' ޖަހައިފައެއް ވެސް ނެތް. ކުރިއަށް ގެންދިއުން ހުއްޓައިލަން. އެއިރު އޮތީ އެކަން (ގުރު ނެގުން) ނިމިފައި،" އަކްރަމް ވިދާޅުވިއެވެ.

އޭސީސީއިން މިފަދައިން އަންގައިފާވުމުން ބާކީ ހުރި 14 ހާސް މީހުންނަށް ފުލެޓު ލިބުނު ކަމުގެ ލިޔުން ދިނުން މަޑު ޖައްސާލައިފާވާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ. އަދި މިކަން މިގޮތަށް ކުރެއްވީ މިނިސްޓަރު މުހައްމަދު އަސްލަމްގެ އެންގެވުމަށް ކަމަށް ވެސް އަކްރަމް ވަނީ ވިދާޅުވެފަ އެވެ. 

"އޭސީސީން ހުއްޓާލަން އަންގައިގެން އަޅުގަނޑުމެން ނުހުއްޓައެއް ނުހުންނާނެ. އެކަމަކު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހުއްޓާލަން އޭސީސީ އަށް ނުވެސް އެންގޭނެ. ބައެއް ގާނޫނީ ވަކީލުން ވިދާޅުވަނީ ސުޕްރީމް ކޯޓުގެ ނިންމެވުމެއް އެބަ އޮވެއޭ [އޭސީސީ އަށް] ނުހުއްޓުވޭނެ ކަމަށް، އެކަމަކު މައްސަލަ ބެލިދާނެއޭ،" އަކްރަމް ވިދާޅުވި އެވެ.

އޭސީސީގެ އެންގުމަށް މިނިސްޓްރީގެ މަސައްކަތް ހުއްޓުމަކަށް ގެނަސްފައި ވާއިރު ވަރަށް އަވަހަށް އޭސީސީއިން ކުރަމުން އަންނަ ތަހުގީގު ނިމޭނެ ކަމަށް މިހާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވަނީ ވިދާޅުވެފަ އެވެ. ގެދޮރުވެރިންގެ ޕޯޓަލްގެ އެކްސެސް ވެސް މި ތަހުގީގަށް ބޭނުން ކުރުމަށް އޭސީސީއަށް ވަނީ ދޭން ނިންމާފަ އެވެ. 

ސަރުކާރުން އާންމު ކުރި ގެދޮރުވެރިޔާ މަޝްރޫގެ ދަށުން ފުލެޓު ލިބޭ ފަރާތްތަކުގެ ލިސްޓަށް ވަނީ އެތައް ބައެއްގެ ނުރުހުމާ ފާޑުކިޔުން އަމާޒުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް