ads
އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ފަޒުލް: ވިދާޅުވެފައި ވަނީ ހިޔާ ފުލެޓުތަކުގެ ޖުމްލަ ކުލިން އެއް ލައްކަ ރުފިޔާ ކަނޑާލުމަށް ނިންމާފައިވާ ކަމަށް - ފޮޓޯ:އާބަންކޯ
ދެ ލައްކަ ހަމަކުރަން ހިޔާގެ ޖުމްލަ ކުލިން އިތުރު އެއް ލައްކަ ރުފިޔާ ކަނޑާލައިފި
ހިޔާ ފްލެޓުތައް ނިންމުމަށް ކުރި އެވްރެޖު ހަރަދަކީ 200،000 ރުފިޔާ ކަމަށް ބަލައި، ކޮންމެ ފްލެޓެއްގެ އަަގުން އެ އަދަދު އުނިކޮށްދެއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމާ ގުޅިގެން ހިޔާ ފުލެޓުތަކުގެ ޖުމްލަ ކުލިން އެއް ލައްކަ ރުފިޔާ ކަނޑާލުމަށް ނިންމާފައިވާ ކަމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.

ފަޒުލް މިކަން ހާމަކުރައްވާފައި ވަނީ ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް އާބަންކޯގެ އެގްޒިބިޝަން ސެންޓަރުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒު އިއްޔެ ވަނީ ހިޔާ ފްލެޓުތަކުގެ މަސައްކަތް ނިންމުމަށް އަމިއްލަ ފަރުދުންގެ އަތުން އާންމުކޮށް ދެ ލައްކަ ރުފިޔާ ހަރަދުވެފައިވާ ކަމަށް ކަނޑައަޅައި، ފްލެޓުތަކުގެ އަގުން ދެ ލައްކަ ރުފިޔާއަށްވާ މިންވަރު އުނިކޮށްދެއްވަން ނިންމަވާފައިވާކަން ހާމަކުރައްވާފަ އެވެ. އެގޮތުން ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއަށްފަހު، މިހާރު ހަދާފައިވާ ހަތް އަހަރު ދުވަހުގެ އެއްބަސްވުމުގައިވާ މަހަކު 5,300 ރުފިޔާގެ ކުލި، މަހަކު 3,984 ރުފިޔާ 21 ލާރިއަށް ކުޑަކޮށްދެއްވުމަށް ނިންމަވާފައިވާކަން ރައީސް ވަނީ ވިދާޅުވެފަ އެވެ.

އެ ނިންމެވުމާ ގުޅޭގޮތުން ފަޒުލް ވިދާޅުވެފައި ވަނީ ތިން ހާސް ރުފިޔާއަކީ މެއިންޓެނެންސް ފީ ނުލައި ކުއްޔަށް ހިނގާ ފައިސާގެ އަދަދު ކަމަށެވެ. އެ އަދަދަށް ފައިސާ ދައްކަން ޖެހޭނީ އަންނަ މަހުން ފެށިގެން ކަމަށް ފަޒުލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކުލި ކުޑަކުރި ކަމުގައި ވީނަމަވެސް ދެ ލައްކަ ރުފިޔާ ހަމަނުވާ ކަމަށާއި ހަތް އަހަރު ދުވަހުން ކުޑަވާ ކުލިން ހަމަވަނީ އެއް ލައްކަ ރުފިޔާ ކަމަށް ބުނެ ވާހަކަ ދެކެވެމުން އަންނަ ކަމުގަ އެވެ.

"އެއްލައްކަ ރުފިޔާއަކީ މިއަދުން ފެށިގެން ހަމަ މައާފުވެގެން އަންނަ އަދަދެއް. އެހެންވީމަ ހަތް އަހަރު ދުވަހަށް މި ބަހާލެވެނީ އޭގެ ވަކި އަދަދެއް. އެއް ލައްކަ ރުފިޔާ މި ބަހާލެވެނީ ހަތް އަހަރުގެ ދުވަހަށް. އެއް ލައްކަ ރުފިޔާ މިއަދު ކެނޑިގެން މި އަންނަނީ، ކެނޑިގެން އައުމުގެ ނަތީޖާއެއްގެ ގޮތުން މިހާރު ހިޔާގައި ތިބި ރައްޔިތުންނަށް އެގްރިމެންޓްތައް އަޅުގަނޑުމެން މުރާޖައާ ކުރާއިރުގައި 27 އަހަރާއި މަސްކޮޅެއް އޮތް އޮތުން، 26 އަހަރާއި ތިން މަހަށް މި ބަދަލުވެގެން މި ދިޔައީ،" - އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު

ފަޒުލް ވިދާޅުވީ މި ނިންމުމަކީ ހިޔާ ފްލެޓުތަކުގައި ދިރިއުޅެމުން އަންނަ ފަރާތްތަކަށް ލިބޭނެ އިތުރު ލުޔެއް ކަމަށެވެ. ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް ކުރި ހޭދައަށް ބަލައި، ދެ ލައްކަ ރުފިޔާ ދިނުމަކީ ރައީސް މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދެކެވެ.

ރައީސް ވަނީ ރަށްރަށުގައި ހަދާފައިވާ ފްލެޓުތަކާއި ވިނަރެސް ފްލެޓުތަކުގެ ކުއްޔާއި ޑައުންޕޭމަންޓަށް ބޮޑު ލުޔެއް ދިނުމަށް ނިންމަވާފައިވާކަން އިއްޔެ ހާމަކުރައްވާފަ އެވެ. އޭގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުރި ފްލެޓުތަކުގެ ކުއްޔާއި އަދި އެހެން ސޯޝަލް ހައުސިން ޔުނިޓުތަކުގެ ކުލި ދެއްކުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ރައްޔިތުންނަށް، ކުލި ދެއްކުމުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައި ދިނުމަށް ނިންމަވާފައިވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް