އާބަންކޯއިން ބުނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ އިރުޝާދުގެ ދަށުން އެ ކުންފުނީގެ މުވައްޒަފުން ވަނީ ހުޅުމާލެ ގެ ވަރަށް ބޮޑު ސަރަހައްދެއް ސާފުކޮށްފައި ކަމަށެވެ.
އެގޮތުން 30 ނޮވެމްބަރ އިން ފެށިގެން ކުރިއަށް ގެންދިޔަ ސާފުކުރުމުގެ މަސައްކަތުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ގިނަ އަދަދެއްގެ ކުނި ނަގައި ވަނީ ސާފުކޮށްފައި ކަމަށް އެ ކުންފުނިން ހާމަކުރެ އެވެ.
ހުޅުމާލެ ފޭސް 1، ފޭސް 2 އަދި ހިޔާ ސަރަހައްދުން މުޅި ޖުމްލަ 60 ޓަނުގެ ކުނި ނަގާ އެއްކޮށްފައިވާ ކަމަށާއި ބޮޑު އާބާދީއެއް ދިރިއުޅޭ ހުޅުމާލެ ސާފުތާހިރު އަދި ހިތްފަސޭހަ ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް އާބަންކޯއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ.
އާބަންކޯއިން ބުނީ އެ ކުންފުނީގެ އަމާޒަކި ހުޅުމާލެއަކީ ސާފުތާހިރު ތަނެއްގެ ގޮތުގައި ދެމެހެއްޓުން ކަމަށެވެ. އެހެންކަމުން އެ އަމާޒަށް ވާސިލްވުމަށް ވަކިވަކި ފަރުދުންވެސް އެބައެއްގެ ފަރުދީ ޒިންމާ އަދާކޮށް، ކުނި ޖަމާކުރަން ކަނޑައެޅިފައިވާ ސަރަހައްދުތަކަށް ކުނި ޖަމާކުރުމަށާއި، ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެދޭ ކަމަށެވެ.
މީގެ އިތުރުން އާބަންކޯއިން ވަނީ އެ ކުންފުނިން ކުރިއަށްގެންދާ މިފަދަ އިޖްތިމާއީ މަސައްކަތްތަކުގައި ހުޅުމާލޭގެ ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށްފަ އެވެ.