ads
ވަޒީރުންގެ މަޖިލިހުގެ މިއަދުގެ ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒު: ތުރުކީގެ އަންކާރާގައި ދިވެހި އެމްބަސީއެއް ގާއިމުކުރަން ވަނީ ނިންމަވާފައި - ފޮޓޯ:ރައީސް އޮފީސް
ތުރުކީގެ އަންކާރާގައި ދިވެހި އެމްބަސީއެއް ގާއިމުކުރަން ނިންމަވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ދިވެހިރާއްޖެ އާއި ތުރުކީވިލާތާ ދެމެދު އޮންނަ ގުޅުން މިހާރަށް ވުރެ ފުޅާކޮށް، ދެ ގައުމުގެ ދެމެދުގައި އޮންނަ ސިޔާސީ، އިގުތިސޯދީ، އަދި ސަގާފީ ގުޅުންތައް އިތުރަށް ކުރިއެރުވުމަށްޓަކައި، ތުރުކީވިލާތުގެ ވެރިރަށް އަންކާރާގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ގާއިމުކުރުމަށް ވަޒީރުންގެ މަޖިިލިހުގެ ލަފާފުޅާ އެކު މިއަދު ނިންމަވައިފި އެވެ.

ރައީސް މި ނިންމެވުން ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލިހުގެ ބައްދަލުވުމުގައި ފޮރިން އެފެއާޒް މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުގަ އެވެ.

ރައީސް އޮފީހުން ބުނީ މި ނިންމެވުން ނިންމެވީ ތުރުކީވިލާތަކީ އާންމު ދިރިއުޅުމުގައި ބޭނުންކުރާ ގިނަ ބާވަތްތަކުގެ މުދާ (އެސެންޝަލް ކޮމޯޑިޓީސް) ރާއްޖެއަށް އެތެރެކުރާ ގައުމަކަށް ވުމާއި ރާއްޖެއަށް އެތެރެކުރަން ޖެހޭ އެހެނިހެން މުހިންމު ސާމާނު ފަސޭހަކަމާ އެކު ލިބެންހުރި ގައުމަކަށްވާތީ ކަމަށެވެ. ތުރުކީވިލާތުގެ އިންވެސްޓްމަންޓްތައް ރާއްޖޭގައި ކުރިއަރުވައި ރާއްޖޭގެ އުފެއްދުންތައް ތުރުކީވިލާތަށް އެކްސްޕޯޓު ކުރުމަށް އިތުރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހުން މީގެ ތެރޭގައި ހިމެނޭ ކަމަށް އެ އޮފީހުން ބުނެ އެވެ.

ރައީސް އޮފީހުން ބުނެފައި ވަނީ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން މަތީ ތައުލީމު ހާސިލުކުރުމަށް ތުރުކީވިލާތަށް ދިއުމާއި އެ ގައުމަށް ދާ ދިވެހި ފަތުރުވެރިންގެ އަދަދުވެސް ވަރަށް ބާރު ދުވެލީގައި އިތުރުވަމުން ދިއުން މީގެ ތެރޭގައި ހިމެނޭ ކަމަށެވެ. އަންކާރާގައި ރާއްޖޭގެ އެމްބަސީ ގާއިމުކުރުމުން ކޮންސިއުލަ ހިދުމަތްތައްވެސް ފަސޭހައިން ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ދިވެހިރާއްޖެ އާއި ތުރުކީވިލާތާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 1979 ވަނަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް