ads
ނައިބު ރައީސް، ކިއުބާގެ ބޮޑުވަޒީރުގެ ނައިބާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް
ރާއްޖެ އާއި ކިއުބާ އާ ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކޮށްފި
ރާއްޖެ އާއި ކިއުބާ އާ ދެމެދު މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން ދެ ގައުމުގެ މެދުގައި މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް، ކިއުބާގެ ބޮޑުވަޒީރުގެ ނައިބު އިނޭސް މަރީއާ ޗަޕްމަން ވުއޯއު އާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައްވާފައި ވަނީ، އ.ދ. ގެ ނިޒާމުގެ ތެރެއިން ދިވެހިރާއްޖެ އާއި ކިއުބާ އާ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ހަރުދަނާކުރުމުގެ މައްޗަށެވެ. އ.ދ. ގައި ހިމެނޭ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ޖަމިއްޔާ "ގްރޫޕް އޮފް 77 އެންޑް ޗައިނާ" (ޖީ77) ގެ ރިޔާސަތު މިހާރު ބަލަހައްޓަމުން އަންނަނީ ކިއުބާއިންނެވެ.

މިއަދުގެ ބައްދަލުވުމުގައި ނައިބު ރައީސް އާއި ކިއުބާގެ ބޮޑުވަޒީރުގެ ނައިބު ވަނީ، ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. މިގޮތުން ފަންނީ އަދި އިގުތިސޯދީ ތަރައްގީގެ ދާއިރާއިން އެއްބާރުލުން ދިނުމާއި ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާއި އިންސާނީ ހައްގުތައް ރައްކާތެރިކޮށް ކުރިއަރުވާ އދ. ގެ ޖަމިއްޔާ "ހިއުމަން ރައިޓްސް ކައުންސިލް" ގައި އެއްބާރުލުން ދިނުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

ހަމަ އެ އާއެކު މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ، ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް، ހާއްސަ ގޮތެއްގައި ޑޮކްޓަރުން ފޮނުވުމާއި ސިއްހީ ދާއިރާއިން މީހުން ތަމްރީނުކުރުމުގެ ފުރުސަތުތައް ފަހިކޮށްދެއްވަމުން ގެންދަވާތީ އެކަމަށްޓަކައި ކިއުބާގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ކިއުބާއިން ރާއްޖޭގެ އިޖުތިމާއީ-އިގުތިސޯދީ ދާއިރާ ފަދަ މުހިންމު ދާއިރާތައް ތަރައްގީކުރުމަށް އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ބޮޑުވަޒީރުގެ ނައިބު ވަނީ ނައިބު ރައީސްއަށް އަރުވާފަ އެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ކުރިއަށް އޮތް ދުވަސްތަކުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ދެ ބޭފުޅުންވެސް އުންމީދުކުރައްވާ ކަމުގައި ވިދާޅުވަމުންނެވެ.

ނައިބު ރައީސް ސްވިޒަލެންޑްގެ ޖެނީވާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ އިންސާނީ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ، "ޔުނިވަސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތު "ހިއުމަން ރައިޓްސް 75" ފާހަގަކުރުމަށްޓަކައި ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ދިވެހިރާއްޖެ އާއި ކިއުބާ އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 1977 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް