ads
ނައިބު ރައީސް، ފަލަސްތީނުގެ މިނިސްޓަ އޮފް ފޮރިން އެފެއާޒް އެންޑް އެކްސްޕެޓްރިއޭޓްސް އާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް
ފަލަސްތީނުގެ ރައްޔިތުން ކުރާ މަސައްކަތުގައި ދެގޮތެއްނުވެ އެއްބާރުލުން ދޭނެ
ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ ހައްގު މަސައްކަތަށް އެއްބާރުލުން ދިނުމުގައި ދިވެހިރާއްޖޭން ދެގޮތެއްނުވެ މަސައްކަތް ކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް އަރުވައިފި އެވެ.
Advertisement

ފަލަސްތީނުގެ ރައްޔިތުންނާ އެކު ރާއްޖޭން ދެގޮތެއްނުވެ ތިބޭނެ ކަމުގެ ޔަގީންކަން ނައިބު ރައީސް ދެއްވާފައި ވަނީ އެމަނިކުފާނުގެ އަރިހަށް ފަލަސްތީނުގެ މިނިސްޓަ އޮފް ފޮރިން އެފެއާޒް އެންޑް އެކްސްޕެޓްރިއޭޓްސް ރިޔާދް އަލް މާލްކީ މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިން ދެއްކެވި ވާހަކަފުޅުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސް އާއި ފަލަސްތީނުގެ މިނިސްޓަ ވަނީ ގާޒާގެ ހާލަތާ ބެހޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އެގޮތުން ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރޭލުން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން އެކި ފަހަރުމަތިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި ފަލަސްތީނުގެ ރައްޔިތުން މިނިވަންކަން ހޯދުމަށް ކުރަމުންދާ މަސައްކަތަށް ރާއްޖޭން އަބަދުވެސް ތާއީދުކުރުމުގައި ދެމިތިބޭނެކަން ހާމަކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުކޮށް، އެ ގައުމުގެ އިސްތިގުލާލުގެ ދިފާއުގައި ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ ހައްގު މަސައްކަތަށް އެއްބާރުލުން ދިނުމުގައި ރާއްޖޭން ދެގޮތެއްނުވެ މަސައްކަތް ކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެރުވި އެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ފަލަސްތީނުގެ މައްސަލަ އާ މެދު ގޮތެއް ނިންމުމުގައި އދ. ގެ ސަލާމަތީ މަޖިލިހުން ނުކުޅެދިފައިވާ ކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ދިވެހިރާއްޖެ އާއި ފަލަސްތީނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 1982 ވަނަ އަހަރުގެ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ފަލަސްތީނުގެ މުސްތަގިއްލު މިނިވަން ދައުލަތެއް ގާއިމުކުރުމަށް ރާއްޖޭން އަބަދުވެސް ތާއީދުކުރެ އެވެ.

ނައިބު ރައީސް ސްވިޒަލެންޑުގެ ޖެނީވާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ "ޔުނިވަސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް