ads
އަލީ އާދަމް
އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކޮށްފި
ވަރިވާން ކޯޓަށް ދިޔަ މީހެއްގެ އަންބަކަށް ގުޅި އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކޮށްފިއެވެ.

އަންހެނަކަށް ގުޅި ކަމަށް ތުހުމަތުވާ ހދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރު ކަމުން ވަކިކުރަން ކުރީ މިއަދު ރައްޔިތުންގެ މަޖިލީހުންނެވެ. އަލީ އާދަމް ވަކި ކުރަން ނިންމައި، ދެ މައްސަލައެއް ޖޭއެސްސީން މަޖިލީހަށް ފޮނުވާފައި ވާއިރު، އެ ދެ މައްސަލަ ދިރާސާ ކުރުމަށް ފަހު ޖުޑިޝަރީ ކޮމިޓީން ނިންމީ އޭނާ ވަކި ކުރުމަށްޓަކައި ޖޭއެސްސީން މަޖިލީހަށް ފޮނުވީ ގާނޫނުއަސާސީ އާއި ގާނޫނުގައި ބުނާ އިޖުރާއަތާ އެއްގޮތަށް ކަމަށެވެ.

ކޮމިޓީން ނިންމި ގޮތަށް އަލީ އާދަމް ވަކި ކުރަން މަޖިލީހުން މިއަދު ފާސްކުރީ އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 46 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އޭނާ ވަކިކުރުމާ ދެކޮޅަށް އެއް މެމްބަރަކު ވޯޓު ދެއްވި އެވެ.

ވަރިވާން ދިޔަ އަންހެނަކަށް ގުޅައި، މެސެޖް ކުރި ކަމަށް ތުހުމަތުވާ މައްސަލާގައި އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީން އެންމެ ފުރަތަމަ ހުށަހެޅީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އެ މައްސަލާގައި މަޖިލީހުން ގޮތެއް ނުނިމި އޮއްވާ އިތުރު މައްސަލައެއްގައި ޖޭއެސްސީން ވަނީ އޭނާގެ މަގާމު ދަށްކުރަން ނިންމައިފަ އެވެ. އެ ފިޔަވަޅުގެ ދަށުން އިސް މެޖިސްޓްރޭޓްކަމުން މެޖިސްޓްރޭޓަކަށް އޭނާ ވަނީ ބަދަލުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް