މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޓެލެކޮމިއުނިކޭޝަންގެ ދާއިރާއިން އުރީދޫން ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދޭ ފުރިހަމަ ހިދުމަތް ފާހަގަކުރައްވައި އުރީދޫގެ ރާއްޖޭގެ ގޮފީގެ ޓީމު ހިމެނޭހެން އުރީދޫ ގްރޫޕުގެ ލީޑަރޝިޕަށް ޝުކުރު އަދާކުރައްވާފައި ކަމަށެވެ.
ރައީސް އާއި އުރީދޫ ގްރޫޕްގެ ޑެޕިއުޓީ ސީއީއޯ ވަނީ ރާއްޖެ އާ އުރީދޫ ގްރޫޕުން އިސްކަންދޭ އަދި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންނާއި ޓެކްނޮލޮޖީގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އެ އޮފީހުން ބުނެފައި ވަނީ އުރީދޫ ގްރޫޕްގެ ޑެޕިއުޓީ ސީއީއޯގެ ވާހަކަފުޅުގައި އުރީދޫ ގްރޫޕުގެ ސީއެސްއާރުގެ ދަށުން ރާއްޖޭގައި ކުރިއަށް ގެންދާ މަސައްކަތްތަކާއި ހަރަކާތްތަކަށް އަލިއަޅުވާލެއްވި ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވެސް ވަނީ ރާއްޖޭގެ ރައްޔިތުންނަށް ލިބިދެވޭ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖޭގައި ޑިޖިޓަލް ހިދުމަތްތައް ކުރިއެރުވުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތްކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.