ads
ދިގުރަށު ކުނިގޮނޑު ސަރަހައްދު
ދިގުރަށު ކުނިގޮނޑުން ފެނުނު ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް ބޭރަށް ފޮނުވައިފި
ދިގުރަށު ކުނިގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު ކުޑަކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ބޭރަށް ފޮނުވައިފި އެވެ.
Advertisement

އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށްލައި ކުނިގޮނޑަށް އެއްލާލާފައި އޮތް ކުޑަކުއްޖެއް ފެނިފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހު އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން މީގެކުރިން ބުނެފައި ވަނީ ކޮތަޅަކަށްލައި އެއްލާފައި އޮތް ކުއްޖަކު ދިގުރަށު ކުނިގޮނޑުން ފެނިފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ އެ ދުވަހުގެ ހެނދުނު 9:20 ހާއިރު ކަމަށެވެ. އެ މައްސަލަ އާ ގުޅިގެން ފުލުހުންގެ ޓީމަކުން އެ ރަށުގައި ހަރަކާތްތެރިވެފައިވާއިރު، "ސީއެންއެމް" އަށް އެނގިފައިވާ ގޮތުން އެ ކުއްޖާ އޮތީ ކަޅުކުލައިގެ ޑަސްބިން ކޮތަޅަކަށް ލާފަ އެވެ. ދިގުރަށުން މައުލޫމާތު ލިބުނު ގޮތުގައި އެ ކުއްޖާ ފެނިފައި ވަނީ ބިދޭސީން ގޮނޑަށް ކުނި އަޅަމުން ދަނިކޮށް ކަމަށާއި އެ ކުއްޖާ ފެނުމާ އެކު، އެކަން ރަށު ކައުންސިލަށް އެންގި ކަމުގަ އެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ރަށު ކައުންސިލުން ކަމަށް ވެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ހުކުރު ދުވަހު އިންޑިއާއަށް ފޮނުވާފައިވާ ކަަމަށެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެ ކުއްޖާ ފެނުނުއިރުވެސް އޮތީ މަރުވެފައި ކަމުގަ އެވެ. މި މައްސަލަ އާ ގުޅިގެން ފުލުހުން ކުޑަކުއްޖާގެ މަންމަ ކަމަށް ތުހުމަތު ކުރެވޭ ބިދޭސީ އަންހެން މީހާ ހޯދައި ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނެފައި ވަނީ ހައްޔަރުކޮށްފައި ވަނީ 30 އަހަރުގެ ލަންކާއަށް ނިސްބަތްވާ އަންހެނެއް ކަަމަށެވެ. އެ އަންހެން މީހާ ހައްޔަރުކޮށްފައި ވަނީ ދިގުރަށުން އެ ދުވަހު މާލެ އައިސް، ސްރީ ލަންކާއަށް ދިއުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސް ހުއްޓައި ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނެފައި ވަނީ މި މައްސަލަ އާ ގުޅިގެން އެ އަންހެން މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް