ads
ރައީސް ޑރ. މުއިއްޒު ހުރަވީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަނީ - ފޮޓޯ:ރައީސް އޮފީސް
ހަފުތާއެއް ތެރޭގައި ލަދުހުތުރު ހުރިހާ ވެބްސައިޓުތަކުގައި ތަންޑު އަޅުވަނީ
ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ލަދުހުތުރު ހުރިހާ ވެބްސައިޓުތައް ރާއްޖެއަށް ބަންދު ކުރައްވާނެ ކަމަށް ރައީީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގައި އިންޓަނެޓް މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހާ ދޮރެއްގައި ސަރުކާރުން ތަންޑު އަޅުވާނެ ކަމަށެވެ.

އެގޮތުން އެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށާއި ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ރާއްޖޭން ލަދުހުތުރު އެއްވެސް ވެބްސައިޓަކަށް ނުވަދެވޭ ގޮތް ހައްދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިހާރު އެ މަސައްކަތުގެ ބޮޑު ބައެއް ވަނީ ނިމިފައި، ކުރިއަށް އޮތް ހަފުތާ ތެރޭގައި ރާއްޖޭން ލަދުހުތުރު ވެބްސައިޓުތަކަށް ނުވަދެވޭ ގޮތަށް އެފަދަ ވެބްސައިޓުތައް މުޅިން ބަންދު ކޮށްލެވޭނެ،" - ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވި ގޮތުގައި ލަދު ހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަކީ ރާއްޖޭގައި ޒަމާނުއްސުރެ އެއްވެސް މިންގަނޑެއް ނެތި ހުޅުވާލެވިފައިވާ މައިދާނެއް ކަމުގަ އެވެ. އަދި މި ނާތަހުޒީބު މައިދާނަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރަން އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނުއަސާސީން ވެރިޔާގެ މައްޗަށް ލާޒިމު ކުރާ ކަމަށެވެ.

މީގެ އިތުރުން ރައީީސް ވިދާޅުވެފައި ވަނީ އެފަދަ ވިޔާނުދާ ކަންކަމަށް ދެވި ހިފުމަކީ އިންސާނާގެ ސިކުނޑީގެ ނިޒާމު ހަލާކުވެ، ލޮޑު ވެގެން ދާނެ ކަމެއް ކަން ޒަމާނީ ދިރާސާތަކުން ކަށަވަރުވާ ކަމަށެވެ. ހަމަ އެހެންމެ އެކަމަކީ އިންސާނާގެ އުފެއްދުންތެރިކަން މަރާލައި، ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ގަރަގުކޮށްލާކަމެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީީސް އިތުރަށް ވިދާޅުވީ ވެރިކަމެއްގެ އެންމެ މަތިވެރި މަސްއޫލިއްޔަތަކީ ހެޔޮ ކަންކަމަށް އަމުރު ކުރުމާއި ނުބައި ކަންކަން މަނާ ކުރުން ކަމަށެވެ. އެހެންކަމުން ދިވެހި މުޖުތަމައު ފަސާދަކުރާ ހުރިހާ އިޖުތިމާއީ ބަލިމަޑުކަމެއްގެ ޖަރާސީމު ނައްތާލެއްވުމަށް ގަދައަޅާ މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭން އާންމުކޮށް ވަންނަ ބަރަހަނާ ވެބްސައިޓުތައް މި މަހުގެ 15 ވަނަ ދުވަހުގެ ރެއިން ފެށިގެން ވަނީ ބްލޮކްކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް