ads
ވިނަރެސް ފްލެޓް
ވިނަރެސްގެ ކުލި 10،000 ރުފިޔާ އަށް ކުޑަކުރަން އެދޭ ޕެޓިޝަނެއް
ވިނަރެސް ފްލެޓް ތަކުގެ މަހު ކުލި 10،000 ރުފިޔާއަށް ކުޑަކޮށްދޭން އެދި ފްލެޓް ލިބުނު މީހުންގެ ފަރާތުން ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

130 މީހަކު ވަނީ ސޮއިކޮށް ރައީސް އޮފީހަށާއި އާބަންކޯއަށް ހުށަހެޅި އެ ޕެޓިޝަންގައި ބުނީ، މިނިދިޔަ ސަރުކާރުން އެއީ ލަގްޒަރީ އެޕާޓްމެންޓްތަކެއް ކަމަށް ބުނެ، ފެންވަރު ދަށްކޮށް ހަދާފައި ހުރި އެ ފްލެޓްތަށް އެވަރުގެ އަގެއް ނަގަން ހަމަޖެއްސީ ރައްޔިތުންގެ އިހުސާސްތަކަށް ބެލުމެއް ނެތުމުން ކަމަށެވެ.

ވިނަރެސް ފްލެޓްތަކުގެ މައްސަލަތަށް ކަމަށް ޕެޓިޝަންގައި ފާހަގަ ކޮށްފައި ހުރި ކަންކަން:

  1.  ކުޑަދޮރުތައް އެތެރެއަށް ހުޅުވަން ޖެހޭތީ ކޮޓަރިއަކުން 15 އަކަ ފޫޓު ގެއްލުން
  2. . ޓައިލްސް ކޮލިޓީ އާއި ފިނިޝިން މަސައްކަތުގެ ފެންވަރު ދަށްވުން
  3. ބަދިގޭގައި ހުޑް ފަދަ ތަކެތި ނެތުމުން، ސެޓަޕް ފުރިހަމަ ނުވުން
  4. ޓެރަސް ދޮރު ހަރުކުރުމާއި ޓައިލްސް ޖެހުމަށް ބޮޑު ހަރަދެއް ދިޔުން
  5. ލަގްޒަރީ އެޕާޓްމެންޓްގެ އަގުގައި ވިއްކި ނަމަވެސް ކޮލިޓީ ދަށްވުން

ވިނަރެސް އެޕާޓްމެންޓެއްގެ ޑައުންޕޭމަންޓުގެ ގޮތުގައި އެވްރެޖްކޮށް 375،000 ރުފިޔާ އާއި 500،000 ރުފިޔާ އާ ދެމެދުގެ އަދަދެއް ދައްކަން ޖެހެ އެވެ. އަދި މަހު ކުލީގެ ގޮތުގައި 16،000 ރުފިޔާ  ދައްކަން ޖެހޭ އިރު، ބޭންކުން ލޯން ނަގައިގެން އެޕާޓްމަންޓް ގަންނަނަމަ، 20 އަހަރުވަންދެން ބޭންކަށްވެސް ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހެ އެވެ.

މީގެ އިތުރުން ރާއްޖޭގެ އެހެން ސޯޝަލް ހައުސިން އެޕާޓްމެންޓްތަކުގެ އަގަކީ ދެ މިލިއަން ރުފިޔާ ކަމަށް ވާއިރު، ވިނަރެސްގެ އަގު އުޅެނީ ހަތަރު މިލިއަން ރުފިޔާގައި ކަމަށް ބުނެ އެ ޕެޓިޝަނުގައި ވަނީ ޝަކުވާ ހުށަހަޅާފަ އެވެ. އަދި ވިނަރެސް ފްލެޓެއްގެ އަސްލު އަގަކީ 7،000 ރުފިޔާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައިވާ ފަދައިން އަގު ހެޔޮކޮށްދޭން އެ ޕެޓިޝަންގައި އެދިފައިވެ އެވެ.

ވެރިކަމާ ހަވާލުވެވަޑައިގެން ރައީސް ޑރ. މުއިއްޒު ވަނީ، ވިނަރެސް ފްލެޓްގެ ޑައުންޕޭމަންޓަށް ދައްކާ އަދަދު 50 ޕަސެންޓް ކުޑަ ކުރުމަށާއި މިހާރު މަހު ކުލީގެ ގޮތުގައި ދައްކާ އަދަދު އެވްރެޖްކޮށް 4،200 ރުފިޔާ އުނި ކުރައްވާނެކަން އިއުލާން ކުރައްވާފަ އެވެ.

އެ ޕެޓިޝަންގައި ވާ ގޮތުގައި، ސަރުކާރުން ވިނަރެސްގެ އިންޓްރެސްޓް ރޭޓު ނުވަ ޕަސެންޓުން ހަ ޕަސެންޓަށް ކުޑަ ކުރަން ނިންމި ނަމަވެސް މިހާރު ވެސް ދައްކަން ޖެހޭ އަދަދު ބޮޑު ކަމުގަ އެވެ. އެހެން ކަމުން އެ އަގު ސަރުކާރުން ކުޑަކޮށްދޭން ވަނީ އެދިފަ އެވެ.

ވިނަރެސް ފްލެޓް ތަކުގައި 13 ބުރީގެ 10 ޓަވަރުގައި ތިން ކޮޓަރީގެ ޖުމްލަ 1،344 އެޕާޓްމަންޓް ހުރެ އެވެ. ބޮޑުމިނުމުގައި 902-883 އަކަފޫޓު ހުންނަ މި އެޕާޓްމެންޓްތައް ވިއްކުމަށް ހަމަޖައްސާފައިވަނީ 2.5 އާއި 2.7 މިލިއަން ރުފިޔާގެ ބޮޑު އަގެއްގަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް