ads
ދަރުމަވަންތަ ސްކޫލާ އިންވެގެން ހުންނަ މާލޭ ޖަލު ހުސްކުރަނީ..!
ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތާއި އިންވެގެން ހުންނަ މާލޭ ޖަލު ހުސްކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.
Advertisement

ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ އެެޖެންސީތައް ބައިވެރި ވެގެން އެ މިނިސްޓްރީގައި މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކަމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު އާސިފު ވިދާޅުވީ މާލޭ ޖަލު ހުސްކުރުނަށް ޓަކައި އެ ޖަލުގައި ތިބި ގައިދީން ބަދަލުކުރާނީ މާފުށި ޖަލަށާއި އައްސޭރި ޖަލަށް ކަމަށެވެ. އޭނާ ވިދާޅުވީ މާލޭ ޖަލުގައި ތިބި ބައެއް ގައިދީން މާފުށި ޖަލަށް ބަދަލުކުރުމަށް ޓަކައި މާފުށި ޖަލުގެ ގައިދީންނަށް ބަދަލު ގެނެސް ޖާގަ އިތުރުކުރާނެ ކަމަށެވެ.

"އަޅުގަނޑުގެ އުއްމީދަކީ ދެވަނަ ޓާމުގެ ކިޔެވުން ފެށެން ވާއިރަށް، އަޅުގަނޑުމެން މާލޭ ޖަލު ހުސްކުރުމުގެ މަސައްކަތް ނިންމައިލުން އެއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ފޯކަސް،" އާސިފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ދަނާލު ފުރަގަހުގައި ހުންނަ ކަރެކްޝަންސްގެ އެނެކްސް ވަންގެ އިމާރާތަށް ބައެއް ބަދަލުތައް ގެނެސް ކޯޓަށާއި ސިއްހީ ފަރުވާއަށް މާލެ ގެންނަ ގައިދީން އެތަނުގައި ބޭތިއްބުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

"އުންމީދަކީ ދެވަނަ ޓާމުގެ ކިޔެވުން ފެއްޓެންވާއިރަށް މާލޭ ޖަލު ހުސްކުރުމުގެ މަސައްކަތް ނިންމާލުން،" އާސިފް ވިދާޅުވި އެވެ.

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް ނިންމައި ކިޔެވުން ފަށަންވާއިރަށް މާލެ ޖަލު ހުސްކުރުމުގެ މަސައްކަތް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފަށައިފި ކަމަށް ހޯމް މިނިސްޓްރީން ކުރިން ވެސް އިއުލާނުކުރި އެވެ.

ނަމަވެސް ރައީސް ސޯލިހުގެ އެޑްމިނިސްޓްރޭޝަން ނިމުނު އިރުވެސް މާލެ ޖަލުވަނީ ހުސްނުކުރެވި އެވެ.

ވިލާ ކޮލެޖު ކުރިމަތީގައި އޮތް ހުސް ބިމުގައި އެޅި ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގައި ކިޔަވައިދޭން ފެށީ 07 އޯގަސްޓް 2023 ގައި އެވެ. ދަރުމަވަންތަ ސްކޫލުގައި 41 ކްލާސްރޫމް ހުރެ އެވެ. ހާހަކަށްވުރެ ގިނަ ކުދިންގެ އާބާދީއަކަށް ކިޔަވައިދެވޭނެ ގޮތަށް އިމާރާތް ކޮށްފައިވާ އެ ސްކޫލްގައި ޕްރައިމަރީ އާއި ސެކަންޑަރީ އަށް ހާއްސަކޮށްގެން ދެ ފަންގިފިލާގެ ލައިބްރަރީއެއް ވެސް ހުރެ އެވެ.

ބޮޑުތަކުރުފާނު މަގުގައި ސެޕްޓެމްބަރު 2003 ގައި ރިމާންޑް ސެންޓަރެއްގެ ގޮތުގައި ހުޅުވި ޖަލަކީ މީހުން ބަންދުކޮށްގެން ގެންގުޅުމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ކަނޑައަޅައިފަ އެވެ. އަދި އޭގެ ފަހުން އެތާ ކައިރީ ދަރުމަވަންތަ ސްކޫލް ހުޅުވާތީ ޖަލު ހުސްކުރަން ނިންމައި ޖަލުގެ ބިމުގައި ދަރުމަވަންތަ ސްކޫލްގެ މަލްޓި ޕާޕަސް ހޯލް އެޅުމަށް ވަނީ ނިންމައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް