މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވަނީ ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
މަރުގެ ހުކުމް ތަންފީޒު ކުރާނެކަން ސަރުކާރުން އިއުލާނުކޮށްފައި އޮއްވައި، ހިއުމަން ރައިޓްސް ވޮޗް އިން ބުނީ ރާއްޖޭގެ މަރުގެ ހުކުމް ތަންފީޒު ކުރަން ނިންމުމުން ރާއްޖެ އާއި ރާއްޖޭއިން ބޭރުން އެކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ. ކަންބޮޑުވުމުގެ އެންމެ ބޮޑު ސަބަބަކީ، ޖުޑިޝަރީ ކޮރަޕްޓުވުމާއި ސިޔާސީވުމާއި މީގެ ކުރިން ހިންގާފައިވާ ކުށްތަކަށް އިންސާފު ނުހޯދުން ކަމަށް ޖަމިއްޔާއިން ބުނެ އެވެ،
ރާއްޖެއިން މަރުގެ އަދަބު ތަންފީޒު ކުރަން ނިންމާ ކޮންމެ ފަހަރަކު ބޭރު ގައުމުތަކުގެ ފިއްތުމާއި ނުފޫޒާ ހެދި އެކަން ކުރެވޭ ގޮތެއް ނުވާކަން ފާހަގަކުރެވެއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ދިމާވީ ހަމަ އެ މައްސަލައެވެ. ސަރުކާރުގެ ނިންމުމާ ދެކޮޅަށް ބޭރުގެ ޖަމިއްޔާ ޖަމާއަތްތަކުން ވަދެ އެކަން ހުއްޓުވުމެވެ.
ރައީސް ޔާމީނަށް ފަހު ވެރިކަމަށް ވަޑައިގެންނެވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ މަރުގެ ތަންފީޒު ކުރުމުގެ ވިސްނުމެއް އެ ސަރުކާރުން ނުގެންގުޅޭ ކަމަށް ބުނެފަ އެވެ.
ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބު ތަންފީޒު ކޮށްފައިވަނީ 1953 ވަނަ އަހަރު އެވެ. މިވަގުތު މަރުގެ ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާގައި ހަތަރު މީހަކު އެބަ ތިއްބެވެ.