އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށްލައި ކުނިގޮނޑަށް އެއްލާލާފައި އޮތް ކުޑަކުއްޖެއް ފެނިފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހުއެވެ.
އެ ކުއްޖާގެ ހަށިގަނޑުވަނީ މާލެ ގެނައުމަށްފަހު ޕޯސްޓު މޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާފައެވެ. އޭގެ ފަހުން މިމަހު 22 ވަނަ ދުވަހު އަލުން އެކުއްޖާގެ ހަށިގަނޑު މާލެ ގެނެސް މޯޗަރީއަށް ލާފައިވާކަމަށް ފުލުހުން މިއަދު ވަނީ ހާމަކޮށްފައެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މީގެކުރިން ބުނެފައި ވަނީ ކޮތަޅަކަށްލައި އެއްލާފައި އޮތް ކުއްޖަކު ދިގުރަށު ކުނިގޮނޑުން ފެނިފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ އެ ދުވަހުގެ ހެނދުނު 9:20 ހާއިރު ކަމަށެވެ. އެ މައްސަލަ އާ ގުޅިގެން ފުލުހުންގެ ޓީމަކުން އެ ރަށުގައި ހަރަކާތްތެރިވެއެވެ. އަދި އެ މައްސަލައިގައި ސިރީލަންކާ އަންހެނަކު ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނެފައި ވަނީ ހައްޔަރުކޮށްފައި ވަނީ 30 އަހަރުގެ ލަންކާއަށް ނިސްބަތްވާ އަންހެނެއް ކަަމަށެވެ. އެ އަންހެން މީހާ ހައްޔަރުކޮށްފައި ވަނީ ދިގުރަށުން އެ ދުވަހު މާލެ އައިސް، ސްރީ ލަންކާއަށް ދިއުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސް ހުއްޓައި ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މި މައްސަލަ އާ ގުޅިގެން އެ އަންހެން މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
"ސީއެންއެމް" އަށް އެނގިފައިވާ ގޮތުން އެ ކުއްޖާ އޮތީ ކަޅުކުލައިގެ ޑަސްބިން ކޮތަޅަކަށް ލާފަ އެވެ. ދިގުރަށުން މައުލޫމާތު ލިބުނު ގޮތުގައި އެ ކުއްޖާ ފެނިފައި ވަނީ ބިދޭސީން ގޮނޑަށް ކުނި އަޅަމުން ދަނިކޮށް ކަމަށާއި އެ ކުއްޖާ ފެނުމާ އެކު، އެކަން ރަށު ކައުންސިލަށް އެންގި ކަމުގަ އެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ރަށު ކައުންސިލުން ކަމަށް ވެ އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ މީޑިއާ އޮފިޝަލް ކުރިން ވިދާޅުވީ އެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ހުކުރު ދުވަހު އިންޑިއާއަށް ފޮނުވާފައިވާ ކަަމަށެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އެ ކުއްޖާ ފެނުނުއިރު ވެސް އޮތީ މަރުވެފައެވެ.