ads
30 ދުވަސް ތެރޭ ނުރަސްމީ ގަޑިތަކުގައި 34 ޕާސްޕޯޓް ހަދައިދިން: އިމިގްރޭޝަން
ފާއިތުވި 30 ދުވަހުގެ ތެރޭގައި ކުއްލި ހާލަތްތަކުގައި އެކިފަރާތްތަކަށް ނުރަސްމީ ގަޑިތަކުގައި 34 ޕާސްޕޯޓް ފޯރުކޮށްދީފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަން އިން ބުނެފި އެވެ.

އިމިގްރޭޝަނުން ބުނީ ފާއިތުވި 30 ދުވަހުގެ ތެރޭގައި ކުއްލި ބޭސްފަރުވާތަކަށާއި، އުމްރާއަށް އަދި އެނޫންވެސް ކުއްލި ހާލަތްތަކާއި ގުޅިގެން ރާއްޖެއިން ބޭރަށް ދަތުރުކުރައްވާ ފަރާތްތަކަށް، ރަސްމީ ގަޑީގެ އިތުރުންވެސް ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދީފައިވާކަމަށެވެ.

އެގޮތުން ފާއިތުވި 30 ދުވަސްތެރޭ ކުއްލި ހާލަތްތަކުގައި 34 ފަރާތަކަށް ޕާސްޕޯޓް ހަދައިދިންކަމަށް އިމިގްރޭޝަނުން ބުނެއެވެ. 

 އަމާޒަކީ މިފަދަ ކުއްލި ހާލަތްތަކުގައި، އެއްވެސް ފަރުދެއްގެ މެދުގައި ތަފާތު ކުރުމެއްނެތި ވީހާވެސް ގާތުން، އަވަސް ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން މިހެން ބުނެފައިމިވަނީ އެ އިދާރާއިން ކަންކުރަނީ ވަކި ބަޔަކަށް ވަކިގޮތެއް އޮންނަ އުސޫލަކުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެ އިދާރާއަށް ބައެއް ފަރާތްތަކުން ފާޑުކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ.

ފާޑުކިޔުން އަމާޒުވެފައިވަނީ އުމްރާއަށް ފުރުމަށް އެެއާޕޯޓަށް ގޮސް ހުރި މީހަކު ޕާސްޕޯޓް މުއްދަތު ހަމަވެފަވަނިކޮށް މިނިސްޓަރަށް ގުޅުމުން 45 މިނުޓްތެރޭ ޕާސްޕޯޓް އަތައް ލިބިފައިވާކަމަށް ބުނެ މީހަކު ކުރި ޕޯސްޓަކާ ގުޅިގެންނެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނަނީ އެގޮތައް ހިދުމަތް ލިބެނީ އެ އިދާރާތަކުގެ ވެރިންނާ ގުޅުން އޮންނަ ނޫނީ ސިޔާސީ ގޮތުން ނުފޫޒުގަދަ މީހުންނަށް އެކަނި ކަމަށެވެ.

ޑިސެންބަރު މަހުގެ ޗުއްޓީއާއި ގުޅުވައި ޕާސްޕޯޓުގެ ހިދުމަތަށް ޑިމާންޑު ބޮޑުވެފައިވާއިރު، އިމިގްރޭޝަނުން ބުނީ ވަސީލަތްތައް އެންމެ މަތީ ދަރަޖައަށް ބޭނުންކޮށް ރައްޔިތުންނަށް ހިދުމަތް ދެމުން އަންނަ ކަމަށެވެ.

އެގޮތުން މިދިޔަ ދެހަފްތާ ތެރޭގައި އެކަނިވެސް 2،623 ޕާސްޕޯޓް ދޫކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެއެެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް