ފުޓްބޯޅައިގައި މި އަހަރަކީ ވަރަށް ދެރަ އަހަރެކެވެ. ގައުމީ ޓީމަށް ކާމިޔާބެއް ނުލިބުނުތާ އިންތިހާއަށް ލަދުވެތި ނަތީޖާތަކެއް ނެރުނެވެ. ކްލަބު ފުޓްބޯޅައިގެވެސް އެއްވެސް ކަމެއް ނެތެވެ.
އޭއެފްސީ ކަޕުގައިވެސް ބޮޑު ނާކާމިޔާބީއެކެވެ. ދިވެހި ލީގަކީވެސް ނަމަކަށް ކުޅުނު މުބާރާތެކެވެ. މިއީ އެފްއޭއެމްގެ ހާލަތު އިންތިހާއަށް ދަށްވުމުގެ ނަތީޖާއެކެވެ. އެ އިދާރާ ކޮރަޕްޝަންގެ ހާއްޔަކަށް ވީ މިއަދަކު ނޫނެވެ. އެކަމަކު އަހަރު މި ނިމެނީ މަނީ ލޯންޑަރިންގެ ތުހުމަތުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ޖިނާއީ ދައުވާ ކުރުމުގެ މަގުމަތީގައި އޮއްވައެވެ. ފުލުހުން އެފްއޭއެމް ރެއިޑްކޮށް، ކުރަނީ ބޮޑެތި ތުހުމަތުތަކެކެވެ. އަނެއްކޮޅުން، އެފްއޭއެމްގެ އިންތިހާބުވެސް އޮތީ ގަޑުބަޑުވެފައެވެ. އިންތިހާބުގެ ކުރިން އަދި ވަރަށް ކަންކަން ހިނގާނެ ކަމަށްވެސް ބެލެވެއެވެ.
އެހެންކުޅިވަރުތަކަށް މި އަހަރަކީ ހާއްސަ އަހަރެކެވެ. ކާމިޔާބު އަހަރެކެވެ.
މި އަހަރު ދިވެހި ކުޅިވަރުގެ އެންމެ ބޮޑު ކާމިޔާބެއް ހިއްސާކުރާނެ އެއް އިވެންޓަކީ، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއެވެ. މި އަހަރުގެ އައިއޯއައިޖީގައި ރާއްޖޭގެ އެތުލީޓުން ޖުމްލަ 28 މެޑަލް ހޯދި އެވެ. އެއީ ފަސް ރަން މެޑަލްއާ, ނުވަ ރިހި މެޑަލްގެ އިތުރުން 14 ލޯ މެޑަލް އެވެ.
300 އެއްހާ މެންބަރުންގެ މައްޗަށް އެކުލެވޭ ދިވެހި ކޮންޓިންޖެންޓް ފުރިއިރުވެސް މިއީ ކާމިޔާބު ކޮންޓިންޖެންޓެއްކަން އެނގުނެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދިވެހި ޓީޓީ އަންހެން ސިންގަލްސް ރަން އަދި ރިހި މެޑަލް ހޯދިއެވެ. އަންހެން ޑަބަލްސް, އަދި މިކްސް ޑަބަލްސް އިވެންޓުން ރަން މެޑަލް ދިވެހި އެތުލީޓުން ހޯދި އެވެ. ފިރިހެން ޓީމުން ފުރަތަމަ ފަހަރަށް މެޑަލް ހޯދިއެވެ. ޓީޓީ ޓީމުން ޖުމްލަ ނުވަ މެޑަލް މި އަހަރުގެ ގޭމްސްގައި ހޯދާފައިވެ އެވެ.
ގޭމްސްގައި މި ފަހަރު މުޅިން އަލަށް ވާދަކުރި ޓީމަކީ ޓައިކްވޮންޑޯއެވެ. އެ ޓީމުން ގޭމްސް ނިންމާލީ ހަތަރު މެޑަލްއާ އެކުއެވެ. ބެޑްމިންޓަން ޓީމުން ހަތް މެޑަލް ހޯދި އެވެ. އެއީ ސިންގަލްސް އިވެންޓުން ފާތިމަތު ނަބާހާ (ނަބާ) ހޯދި ރިހި މެޑަލްއާ އަންހެން ޑަބަލްސް އިވެންޓުން ނަބާ އަދި އާމިނަތު ނަބީހާ (ނަބީ) ހޯދި ރަން މެޑަލްގެ އިތުރުން އަންހެން ޓީމް އިވެންޓާއި ފިރިހެން ޓީމު އިވެންޓުންނެވެ. މީގެ އިތުރުން އިންޑިވިޖުއަލް އިވެންޓުތަކުން ރާއްޖޭގެ އެތުލީޓުން ވަނީ ލޯ މެޑަލް ހޯދާފަ އެވެ.
އެތްލެޓިކްސްއަށްވެސް ގޭމްސްއަކީ ކާމިޔާބު ގޭމްސްއެކެވެ. ޓީމު ކުޅިވަރުތަކުގެ ތެރެއިން ބާސްކެޓްގެ ތުރީ އޮން ތުރީ ޓީމުތަކުން ހޯދީ ފަހުރުވެރި ކާމިޔާބީ އެކެވެ. އައިއޯއައިޖީގައި ތުރީ އޮން ތުރީ ފިރިހެން ޓީމުން ވެސް ވަނީ ލޯ މެޑަލް ހޯދައިފަ އެވެ. ވޮލީ ޓީމާ ހޭންޑްބޯލް ޓީމަށް ކާމިޔާބެއް ނުލިބުނަސް ހޭންޑްބޯލް ޓީމުތަކުން ވަނީ ރަނގަޅު ފައިޓެއް ދީފަ އެވެ. އަދި ހޭންޑް ބޯލްގެ ކުރިމަގު އުޖާލާކަން ވަނީ އެ ޓީމުން ސާބިތުކޮށްދީފަ އެވެ.
އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ ގޭމްސްގައި ވެސް ރާއްޖޭގެ އެތުލީޓުން ވަނީ ގިނަ ގައުމީ ރެކޯޑުތަކެއް އައު ކުރި އެވެ. އޭގެ އިތުރުން ސްވިމިން އިން އަހަރު ނިންމާލީ ސްރީ ލަންކާގައި ކުރިއަށްދިޔަ ބައިނަލްއަގުވާމީ މުބާރާތުގައި ވާދަކޮށް 15 މެޑަލެއް ހޯދައިގެންނެވެ. އޭގެ ތެރެއިން އެންމެ ހާއްސަވަނީ ރާއްޖޭގެ އަރަމުން އަންނަ ފެތުންތެރިޔާ، މެރާލް އައިން ލަޠީފު، 100 މީޓަރު ބަޓަފްލައި އިވެންޓުން ހޯދި ރަން މެޑަލް އެވެ.