ads
ނިލަންދޫ ފަރަށް އެރި ސައުތު ލައިން ބޯޓު -- ފޮޓޯ: ފުލުހުން
ނިލަންދޫ ފަރަށް އެރި ބޯޓެއް ފަޅަައިގެން ގޮސްފި
ގއ. ނިލަންދޫ ފަރަށް އެރި ބޯޓެއް ފަޅައިގެން ގޮސް ދިޔަވާތީ އެ ބޯޓު ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ފުލުހުން ބުނީ ސައުތްލައިން ބޯޓް، ގއ. ނިލަންދޫ ނެރުގެ ދެކުނު ފަރާތުން ފަރަށް އަރާ ބޯޓް ފަޅަައިގެން ގޮސްފައިވާ ކަމަށެވެ.

ފުލުހަަށް އެ ރިޕޯޓް ލިބުނީ މިރޭ 8:15 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

މި މައުލޫމާތު ލިބުމާ ގުޅިގެން ގއ. ވިލިނގިލީ ޕޮލިސް ލޯންޗު ޕަމްޕެއް ހިފައިގެން ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި ބޯޓުގެ ފަޅައިގެން ގޮސްފައިވާ ތަންތަނުގައި ފިލާ ޖެހުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ސައުތުލައިންއަކީ މާލެ އާއި އައްޑޫއާ ދެމެދު ދަތުރު ކުރާ ބޯޓެކެވެ. އެއީ މުދާ އުފުލާ ބޯޓެކެވެ.

މާލޭގެ އިތުރުން ރާއްޖޭގެ ގިނަ ހިސާބުތަކަށް ބޯކޮށްވާރޭވެހުމުގެ ސަބަބުން ގިނަ ރަށްތަކުގައި ވަނީ ވަރަށް ބޮޑަށް ފެންހެދިފަ އެވެ.

ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހި، ފެންބޮޑުވާނެ ކަމަށް ލަފާކޮށް، ކ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް މޫސުމާ ބެހޭ އިދާރާ އިން ދެންމެ ވަނީ އޮރެންޖު އެލާޓެއް ނެރެފަ އެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސް ދުވަސްވަރެއް ކަމުން ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިރުޝާދު ދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް