ads
"ހިލޭ މެޑިކަލް ޗެކަޕް ހިދުމަތުން މުސްތަގްބަލުގައި ހަރަދު ކުޑަ ކުރެވޭނެ"
އާސަންދައިގެ ދަށުން ހިލޭ މެޑިކަލް ޗެކަޕް ހެދުމުގެ ހިދުމަތް ތައާރަފް ކުރެވުމަކީ ހެޔޮ ފާލެއް ކަމަށާއި، އެކަމުގެ ސަބަބުން މުސްތަގުބަލުގައި ދައުލަތުގެ ބަޖެޓަށް ހަރަދު ކުޑަވެގެންދާނެ ކަމަށް ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅު ވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ ދިވެއްސަކު ބަލިވެގެން ބޭސްކުރަން ސަރުކާރުން ކުރަންޖެހޭ ހަރަދު ވަރަށް ބޮޑު ކަމަށެވެ. އެގޮތުން ބަލި މީހުން ފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވައިގެން ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު ހަރަދެއް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދުމުގެ ހިދުމަތް ލިބެން ފެށުމާއެކު ބަލި ހާލަތު ގޯސްވުމުގެ ކުރިން، ރައްކާތެރިކަމުގެ ފިޔަވަޅު އެޅޭނެ ކަމަށާއި، އެކަމުގެ ސަބަބުން މުސްތަގުބަލުގައި ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު ހަރަދެއް ސަލާމަތް ކުރެވޭނެ ކަމަށް ހަލީމް ވިދާޅުވިއެވެ.

އެ މައްސަލަތައް ގޯސްވެގެން ސަރުކާރުން އެއަށް ބޮޑު ހަރަދެއް ކުރުމުގެ ކުރިން އެކަމުން ސަލާމަތް ވުމަށްޓަކައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިގެން އެ ހަރަދު ސަލާމަތްކުރެވޭނެ މަގުފަހި ވެގެންދާނެ- ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް
 

މި ބައްދަލުވުމުގައި އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވީ މާލޭގެ އިތުރުން އަތޮޅު ތެރޭގެ ހެލްތް ސެންޓަރުތަކުން ވެސް މި ހިދުމަތް ދެވޭނެ ކަމުގެ ޔަގީންކަން ހެލްތް މިނިސްޓްރީން ދީފައިވާ ކަމަށެވެ. އެހެންކަމުން މިހާރު މެޑިކަލް ޗެކަޕްގެ ޕެކޭޖްގައި ހިމަނާގައި ހުރި ޓެސްޓްތައް ގިނަ ހެލްތް ސެންޓަރުތަކުގެ ލެބޯޓްރީތަކުން ހެދޭނެ ކަމަށާއި، ނެހެދޭ ޓެސްޓެއް ވާނަމަ ސާމްޕަލް ނެގުމަށް ފަހު އަތޮޅު ހޮސްޕިޓަލަށް ފޮނުވައިގެން އެކަން ކުރިއަށް ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ މަގުފަހިކޮށްދިނުމަށް ހާއްސަ ސިޔާސަތެއް އެކުލަވާލައި ތަންފީޒުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައި ހިމާފައިވާ ކަމެކެވެ. މި ވައުދުގެ ދަށުން، 50 އަހަރުން މަތީގެ މީހުންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ އންތިޒާމު މިއަދު ވަނީ ހަމަޖައްސާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް