ads
"މިހާރު އޮތް ހަގީގަތްތަކާ އެއްގޮތަށް ހާރިޖީ ސިޔާސަތު އަލުން ބައްޓަން ކުރާނަން"
އާ އަހަރާއި ދިވެހި ރާއްޖެ ކުރިމަތިލަނީ ދުނިޔޭގައި މިހާރު އޮތް ހަގީގަތްތަކާ އެއްގޮތަށް ދިވެހި ހާރިޖީ ސިޔާސަތު އަލުން ބައްޓަންކުރުމުގެ އާ އަޒުމަކާ އެކު ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅު ވެއްޖެ އެވެ.
Advertisement

އާ އަހަރުގެ މުނާސަބަތުގައި ދެއްވި ހާއްސަ މެސެޖުގައި ފޮރިން މިނިސްޓަރު ވިދާޅުވީ މި އާ އަހަރަކީ  ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް މުޅި ދުނިޔޭގެ އިހުތިރާމާއި ގަދަރު ހޯދުމުގެ އާ ފުރުސަތެއް ލިބިގެންދާނެ ކަމަށެވެ. 

"އާ ފުރުސަތުތަކާ އެކު އެންމެން ބައިވެރިޔާ ސުލްހަވެރި ފާގަތި މުޖުތަމައެއް ބިނާކުރުމަށް ލިބޭ ފުރުސަތެއް ލިބިގެންދާނެ. މިއީ ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިންނަކީ ބަސް ހިނގާ ބައެއްކަން ދައްކުވައިދޭނެ އިތުރު ފުރުސަތު ލިބިގެންދާނެ އަހަރެއް،" މިނިސްޓަރު ޒަމީރު ވިދާޅުވެފައިވެއެވެ.

އަދި މިދިޔަ އަހަރު ނިންމާލާފައިވަނީ  ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ރައީސްކަމުގެ މަގާމަށް އިންތިހާބުވެވެވަޑައިގެންނެވުމުން ދިވެހީންގެ ރާއްޖެ އަށް ދަތުރު ކުރުމުގެ އާ އުއްމީދާ އެކުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި މި އަހަރަކީ އިގުތިސޯދީ ގޮތުންނާއި ސިޔާސީ ގޮތުން ރާއްޖޭގެ މިލުކުވެރިކަން އިތުރަށް ވަރުގަދަ ކުރަން ލިބުނު ފުރުސަތެއް ކމަށާއި އަދި ފޮރިން މިނިސްޓްރީގެ މައިގަނޑު އަމާޒަކަށް ވާނީ، ދިވެހިންގެ ލާބަ އާއި މަންފާއަށްޓަކައި ރާއްޖެ އިތުރަށް ތަރައްގީ ކުރެވޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.

މީގެ އިތުރުން މިހާރު ހުރި ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމާއި އާ ގުޅުންތައް ގާއިމު ކުރުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ ކަމުގެ ޔަގީންކަމުގެ އިތުރުން ދުނިޔޭގެ ސުލްހަ މަސަލަސްކަމާއި، ސަލާމަތާއި ރައްކާތެރިކަމަށް ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖޭން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ޒަމީރުގެ މެސެޖުގައި ދެއްވި އެވެ.

ފަލަސްތީނުގެ ކުށެއްނެތް ރައްޔިތުންނަށް އިޒްރާއިލުން ދެމުންގެންދާ ހަމަލާތައް ކުށްވެރިކޮށް އެ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓުމަށް ވެސް މި މެސެޖުގައި ގޮވާލައްވާފައިވެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް