މިއަދު އިކޮނޮމިކް މިނިސްޓްރީން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ ސަރުކާރުން އެކުލަވާލައިފައިވާ ބޯޑް އޮފް އިންވެސްޓްމެންޓް އެސްއީޒެޑަށް އިންވެސްޓް ކުރަން ހުށަހެޅި ފުރަތަމަ ޕްރޮޕޯސަލް ރިވިއުކުރަން ފަށާފައިވާކަމަށެވެ.
އެ ޕްރޮޖެކްޓަކީ 110 މެގަވޯޓް ސޯލާ އަދި ބެޓަރީ ސްޓޯރޭޖް ޕްރޮޖެކްޓެއްކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
ޑިސެމްބަރު 17 ވަނަ ދުވަހު ރައީސް ނެރުއްވި ގަރާރުގައި ވަނީ އެސްއީޒެޑްގައި އެންމެ ކުޑަކޮށް އިންވެސްޓް ކުރެވޭނެ މިންވަރަކީ 100 މިލިޔަން ޑޮލަރު ކަމުގައި ކަނޑައަޅާފައެވެ.
އެ ގަރާރުގައިވާ ގޮތުގައި މާލީ ދާއިރާ ފިޔަވާ އެހެން ހުރިހާ ދާއިރާތަކުގެ ހުށަހެޅުންތައް ދިރާސާ ކުރުމުގައި އިންވެެސްޓްމެންޓްގެ އަގު ކަމުގައި ބަލާނީ، ޑިވެލޮޕާ ގާއިމުކުރުމަށް ހުށަހަޅާ މުޅި އިންވެސްޓްމެންޓް ގާއިމު ކުރުމަށް އެ ފަރާތުން ހަރަދު ކުރުމަށް ހުށަހަޅާ މިނިމަމް ފިކްސްޑް އިންވެސްޓްމެންޓް އަދަދު ކަމުގަ އެވެ.
މީގެ އިތުރުން މާލީ ދާއިރާއިން ހުށަހަޅާ ހުށަހެޅުންތައް ދިރާސާކުރުމުގައި އިންވެެސްޓްމެންޓްގެ އަގު ކަމުގައި ބަލާނީ، ޑިވެލޮޕާ ގާއިމުކުރުމަށް ހުށަހަޅާ، މުޅި އިންވެސްޓްމެންޓް ގާއިމުކުރަން ހަރަދު ކުރާ ފިކްސްޑް އިންވެސްޓްމަންޓަށާއި މާލީ ހިދުމަތް ފަށައިގަތުމަށް ރާއްޖެއަށް ގެނައުމަށް ޑިވެލޮޕަރު ކޮމިޓް ކުރާ ކެޕިޓަލް އިންވެސްޓްމެންޓް ކަމަށް ރައީސްގެ އެ ގަރާރުގައި ބަޔާންކޮށްފައިވެ އެވެ.
އެސްއީޒެޑް ގާނޫނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެއަށް ބޮޑެތި އިންވެސްޓްމެންޓްތައް ގެނައުމުގެ ބޭނުމުގައި އުފެއްދި ގާނޫނެކެވެ. ނަމަވެސް މިގާނޫނުގެ ދަށުން ރާއްޖެއަށް މިހާތަނަށް ބޮޑު އިންވެސްޓްމެންޓެއް ގެނެވިފައެއް ނުވެއެވެ.