ads
ވަޒީރުންނަށް ރުހުން ދިނުމުގައި އަދިވެސް ކަންބޮޑުވުން ތަކެއް އެބަހުރި: ފައްޔާޒު
މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގައި އަދިވެސް ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރޭ ފައްޔާޒު ވިދާޅުވީ، ސަރުކާރުގެ މިނިސްޓްރީ ތަކުން އަމަލު ކުރަމުންދާ ގޮތްތަކާއި ނިންމާފައިވާ ނިންމުން ތަކުގެ ސަބަބުން، ބައެއް މިނިސްޓަރުންނަށް ރުހުން ދިނުމުގައި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.

އެގޮތުން ފައްޔާޒް ފުރަތަމަ ކަންބޮޑުވުން ފާޅުކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާ މެދުގައެވެ. ފްލެޓް ލިސްޓްގެ މައްސަލައަށް އިޝާރާތް ކުރައްވާ އޭނާ ވަނީ އެކަމުގައި ހައުސިން މިނިސްޓަރު ކަންކުރެއްވި ގޮތުން މާލޭގެ ރައްޔިތުން ކަންބޮޑުވި ފަދައިން، މިނިސްޓަރަށް ރުހުން ދިނުމުގައި އެމްޑީޕީން ވެސް ކަންބޮޑުވާކަން ފާހަގަ ކުރައްވާފައެވެ.

މީގެއިތުރުން ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފަށް ރުހުން ދިނުމުގައި ދަތިތަކެއް ހުރި ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ. އެގޮތުން އޭނާ ވިދާޅުވީ މިނިސްޓަރު ޝަރީފް ވަނީ ސަރުކާރަށް ފާޑުކިޔާ އޮންލައިން ނޫސް ވެބްސައިޓުތަކެއް ބަންދުކޮށް، ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިގަނެފައި ކަމަށެވެ.

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އުފެއްދުމަކީ ވެސް އެމްޑީޕީގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި، އެއީ ލާމަރުކަޒީ ނިޒާމު ކުރިއަށް ގެންދިއުމުގެ ބަދަލުގައި އެ ނިޒާމުގެ މައްޗަށް ސަވާރު ވުމަށް އުފެއްދި މިނިސްޓްރީއެއް ކަމަށް ފައްޔާޒު ތުހުމަތު ކުރެއްވިއެވެ. އަދި އެއީ ލާމަރުކަޒީ ނިޒާމު ކޮންޓްރޯލްކޮށް ތަޅު އެޅުވުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ، ގެއްލުންހުރި މިނިސްޓްރީއެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.

ވަޒީރުންނަށް ރުހުން ހޯދަން ހުށަހަޅާފައި ވަނިކޮށް ރުހުން ނުދީ، މިދިޔަ ޑިސެންބަރު މަހު ރައްޔިތުންގެ މަޖިލިސް ވަނީ ދެމަސް ދުވަހުގެ ޗުއްޓީއަކަށް ގޮސްފައެވެ.

ރުހުން ދިނުމުގެ މައްސަލަ ދިގުލައި ދިއުމާއެކު ފާޑުކިއުންތައް އަމާޒުވެފައިވާ މި ދަނޑިވަޅުގައި، އެމްޑީޕީން ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ އެނގިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް