ads
ށ. ޅައިމަގުގައި ގާއިމްކުރި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވުން
ޅައިމަގުގައި ގާއިމްކުރި ޕޮލިސް ޕޯސްޓް ހުޅުވައި ހިދުމަތްދޭން ފަށައިފި
ށ. ޅައިމަގުގައި ގާއިމްކުރި ޕޮލިސް ޕޯސްޓް މިއަދު ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.
Advertisement

ފުލުހުން ބުނެފައިވަނީ މިއީ ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުޅުވުނު ޕޯސްޓެއް ކަމަށެވެ.

ށ. ޅައިމަގު ޕޮލިސް ޕޯސްޓް ހުޅުވައި ހިދުމަތް ފެއްޓުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، ޕޯސްޓް ހުޅުއްވައި ދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ޅައިމަގު ކައުންސިލް ރައީސް އާދަމް އަޒްމީރު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވަނީ ރާއްޖެއަކީ ދުނިޔެއަށް ހުޅުވިފައިވާ ގައުމަކަށް ވެފައި، އެހެން ގައުމުތަކާ އަޅާބަލާއިރު ކުށް ދައުރުވާ ބާރުމިން ހަލުވި ގައުމަކަށްވާތީ، ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ފުލުހުން ގާއިމްވެތިބުމަކީ މުހިއްމު ކަމެއްކަމަށް ވިދާޅުވެފަ އެވެ.

ޝުޖާއު ވަނީ ޅައިމަގުގައި މަސައްކަތްކުރާ ފުލުހުން މަސައްކަތުގެ ވަގުތުތަކުގައި ވީހާވެސް ގިނަ އިރު ރައްޔިތުންނާއި ގާތުން ހިދުމަތްދިނުމުގެ ގޮތުން، ކުށްކުރާނެ ކަމަށް ލަފާކުރެވޭ ތަންތަނުގައި ފުޓް ޕެޓްރޯލް ކުރުމަށް އިލްތިމާސް ކުރައްވާފަ އެވެ.

ހާއްސަކޮށް ޅައިމަގަކީ މަސްތުވާތަކެތީގެ ވަބާ އިންތިހާއަށް އޮތް ރަށަކަށްވާތީ، އެރަށަށް ލަފާ ފުރާ އުޅަދުތައް އަންނަ ވަގުތުތަކުގައި ބަނދަރުމަތީގައި ހަރަކާތްތެރި ވެވޭނެގޮތަކަށް ފުލުހުންގެ މަސައްކަތްތައް ރޭވި އިންތިޒާމްކޮށް ދިނުންމަށް ޝުޖާއު އެދިފައިވެ އެވެ.

"ދިވެހި ފުލުހުން ރޭގަނޑާއި ދުވާލު ވާރޭއާއި އަތްވަށް ބެލުމެއްނެތި ކުރާ މަސައްކަތުގެ މަގްސަދަކީ, ދިވެހިރާއްޖެ އަމާންކޮށްދީ ދިވެހި ކޮންމެ ރައްޔިތަކަށް ހިތްހަމަޖެހިގެން ދިރިއުޅެވޭނެ މާހައުލެއް ތަނަވަސް ކޮށްދިނުން" ޝުޖާއު ވިދާޅުވި އެވެ.

މީގެއިތުރުން ޝުޖާއު ވިދާޅުވީ، ފުލުހުންގެ ރީޖަންތަކަށް އިތުރު ލާމަރުކަޒީ ބާރުދީ، އަތޮޅުތެރޭގައި ފުލުހުންގެ މަސައްކަތް ހަރުދަނާކޮށް ކައުންސިލުތަކާއި ގުޅިގެން މަސައްކަތްކުރުމަށް އެކުލަވާލެވިފައިވާ އޮނިގަނޑުގެ ޑްރާފްޓް އަލުން މުރާޖައާކޮށް އެއަށް އަމަލުކުރަން ފެށުމުން، މިހާރަށްވުރެ ބޮޑަށް ކުށްމަދު ކުރެވޭނެ ކަމަށެވެ. އަދި އެއާއެކު ޅައިމަގުގައިވެސް ފުލުހުންގެ ހިދުމަތްދެވޭ ގޮތާއި މިންގަނޑު އެ އަސާސްތަކާއި އެއްގޮތަށް ތަރައްގީ ކުރެވިގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް