މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާޒިމާ މިހެން ވިދާޅުވީ, އޭނާ ފްލެޓް ގަންނަން ކުންފުންޏަކުން ދިން 1.9 މިލިއަން ރުފިޔާ ނުދައްކައިގެން އިތުރު ދައުވާއެއް ކޮށްފައިވާކަމަށް "ދައުރު" ނޫހުގައި މިއަދު ލިޔެފައިވާ ހަބަރަކާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން އާޒިމާ ވަނީ އެ މައްސަލަ ވެރިފައިކުރަން މިހާރު ކޯޓަށް ހުށަހަޅާފައި ވާކަމަށް ވިދާޅުވެފަ އެވެ.
އާޒިމާ ވިދާޅުވީ "ދައުރު" ނޫހުން އޭނާގެ މޭޔަރު އިންތިހާބުގެ ކެމްޕެއިނަށް ނުފޫޒު ފޯރުވާފައިވާ ކަމަށާއި، މި މައްސަލަ ދޫކޮށްނުލާނެ ކަމަށެވެ.
މީގެއިތުރުން އާޒިމާ ވިދާޅުވީ، ހިޔާނާތުގެ ފައިސާއެއްގައި ދުވަހަކުވެސް ޖެހިފައި ނޯންނާނެ ކަމަށެވެ. އަދި އޭނާ އަކީ އެކަނި ހުރި އަންހެނެއް ކަމުގައި ވިއަސް، ފަހަތަށް ޖައްސާލުމަކީ ވާނެކަމެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ބަންޑާރަ ނައިބުކަން ވެސް އަދާކުރެއްވި އާޒިމާ މީގެކުރިންވެސް ވަނީ، ޒާތީ ހަމަލާއަކަށް ގުޑާ ވަރަށްވުރެ އޭނާގެ އަޒުމް މާ ވަރުގަދަވާނެ ކަމަށް ވިދާޅުވެފަ އެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކާއި އާޒިމާއާއި ދެމެދު ގާއިމުކޮށްފައިވާ "މުޝާރަކާ އެގްރިމެންޓް" އެއްގެ ދަށުން އެ ބޭންކަށް އާޒިމާ ދައްކަން ޖެހޭ ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ އޮތުމުން، އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް މިދިޔަ އަންގާރަ ދުވަހު ސިވިލް ކޯޓުން ވަނީ އޭނާގެ މައްޗަށް ހުކުމް ކޮށްފަ އެވެ.