ads
ސިފައިން ނުތިބެ ވެސް ރާއްޖެ އިންޑިއާ ގުޅުން ދެމެހެއްޓޭނެ: ރައީސް
އިންޑިއާގެ ސިފައިން ރާއްޖޭގައި ދާއިމަށް ގާއިމުވެ ނުތިބި ނަމަވެސް ރާއްޖެ އިންޑިއާ ގުޅުން ދެމެހެއްޓޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ، "އިންޑިއާ ސިފައިން ފޮނުވާލުމާ ގުޅޭ" ގޮތުން އިންޑިއާއާ އެކު މަޝްވަރާކޮށް އެކަން ކުރިއަށް ގެންދަން ކޯ ގްރޫޕެއް އެކުލަވާލަން ދެ ގައުމުން މިހާރު ވަނީ އެއްބަސްވެފަ އެވެ. ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ދުބާއީގައި ބޭއްވި ކޮޕް23 ސަމިޓްގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ކުރެއްވި މަޝްވަރާގައި އިންޑިއާ އިން ވަނީ ސިފައިން ގެންދަން އެއްބަސް ވެފަ އެވެ.

ޓައިމްސް އޮފް އިންޑިއާއަށް ދެއްވި ބަސްދީގަތުމުގައި ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގައި ބޭރު ސިފައިން ގާއިމުވެތިބުމަށް ދިވެހި ރައްޔިތުން މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ސާފުކޮށް ނޫނެކޭ ބުނެފައިވާ ކަމަށެވެ. 

މިވަގުތު އެގޮތަށް ގާއިމުވެ ތިބީ އިންޑިއާ ސިފައިން ކަމަށާއި ރައްޔިތުންގެ އެ ނިންމުމަށް ގަދަރުކުރެއްވުމަށް ސިފައިން އަނބުރާ ގެންދިއުމަށް އިންޑިއާ ސަރުކާރުގައި އެދިވަޑައިގެންފައިވާނެ ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތި ބޭރުގެ ސިފައިން ރާއްޖޭގައި ތިބުމަކީ ގާނޫނު އަސާސީގެ ރޫހާ ހިލާފުކަމެއް، އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ދާހިލީ ގުޅުމަކީ ވަރުގަދަ ގުޅުމެއް ކަމަށާއި ދެ ގައުމު ގުޅިގެން އެ މައްސަލަ ހައްލު ކުރެވޭނެކަމުގެ ޔަޤީންކަން އެބައޮތް" ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ރާއްޖޭގައި އިންޑިއާގެ 89 ސިފައިން އެބަތިބި ކަމަށް މިހާތަނަށް ހޯދިފައިވެ އެވެ. އެއީ ހެލިކޮޕްޓަރާއި މަތިންދާބޯޓު އޮޕަރޭޓްކުރަން ތިބި މީހުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލަން އިދިކޮޅުގައި ތިބެ މިހާރުގެ ސަރުކާރުން "އިންޑިއާ އައުޓް" ނަމުގައި ވަރުގަދަ ކެމްޕެއިނެއް ހިންގި އެވެ. އަދި އެކަމާ ދެކޮޅަށް އޭރުގެ ސަރުކާރުން ވެސް މަސައްކަތްކޮށް، ކެމްޕެއިން ހުއްޓުވަން ހަރުކަށި ފިޔަވަޅުތައް އެޅި އެވެ.

އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސްގެ ރިޔާސީ އެއް ވައުދެވެ. އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ އެންމެ މުހިންމު އެއް ކަމަކީ ވެސް އިންޑިއާގެ ސިފައިން ރާއްޖެ އިން ފޮނުވާލުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް