ads
ދުބާއީ މެރަތަންގައި ކުޅުދުއްފުށިން ބޮޑު ޓީމެއް
ދުބާއީގައި އާދިއްތަ ދުވަހު އޮންނަ ދުބާއީ މެރަތަންގައި، ހދ. ކުޅުދުއްފުށިން ބޮޑު ޓީމެއް ބައިވެރިވެއްޖެއެވެ.

ދުބާއީ މެރަތަންއަށް ދިޔަ ދިވެހި ޓީމުގައި ޖުމްލަ 14 ދުވުންތެރިން ބައިވެރިވެއެވެ. އޭގެ ތެރެއިން 10 މީހުންނަކީ ފުލް މެރަތަން ދުވާ މީހުންނެވެ. ތިން މީހަކު ދުވާނީ 10 ކިލޯމީޓަރު ކެޓަގަރީގައެވެ. ދެން ކުޅުދުއްފުށީ ޓީމާއެކު ބައިވެރިވަނީ ކޯޗު ޝުޖާއެވެ.

މި އެންމެންވެސް އަންނަނީ މިދިޔަ އަހަރުގެ ޖުލައިން ފެށިގެން މެރަތަންއަށް ތައްޔާރުވަމުންނެވެ. މި ޓީމު ތައްޔާރުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރި މީހަކީ، އައިރަނަރސްގެ ކޯޗު ޝުޖާއުއެވެ.

މި ޓީމު ލީޑުކުރަނީ ކުރިން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ކުރި ހދ. ކުޅުދުއްފުށީ ޒުވާނެއް ކަމަށްވާ އަބްދުއްރަޝީދު ސައީދު- އަބްސީއެވެ. ދުބާއީގައި ހުރެ އަބްސީ ކިޔައިދިން ގޮތުގައި، މިއީ ރަށުގައި އެކުގައި ދުވަން ދާން ފެށި ގްރޫޕެއްގެ ތެރެއިން އުފަން ވެގެން އައި ހިޔާލެކެވެ.

ފުރަތަމަ އަޅުގަނޑުމެން ބޭނުންވީ ބޮޑު ތިލަދުންމަތީގެ ހުރިހާ ރަށެއްގައި ދުވެ، ޕިންކޮށްލަން. އެކަމުގެ ތެރެއިން އުފަންވެގެން އައި ހިޔާލެއް މި މެރަތަންއަކީ. އެއީ އަޅުގަނޑުމެންގެ އެއް ބައިވެރިޔަކީ ބާލިން މެރަތަންގައި 2022 ވަނަ އަހަރު ދުވެފައިވާ ބައިވެރިއެއް. އޭނާގެ ފަރާތުން ލިބުނު ހިޔާލެއް އަސްލު މެރަތަންއެއްގައި ދުވުމަކީ. ދެން މެރަތަންއެއްގައި ދުވަން ކޯޗެއްގެ އިރުޝާދު ބޭނުންވާނެ ކަން އެނގިއްޖެ. ދެން އައިރަނަރސްގެ ކޯޗު ޝުޖާއުގެ ފަރާތުން ބޮޑު ސަޕޯޓެއް މިކަމުގައި ލިބެމުން އައީ. ހުރިހާ ކުދިންގެ ޓްރެއިންގތައް ރާވައި ބަރާބަރަށް ބަލަމުން ގެންދިޔައީ.

ކުޅުދުއްފުށިން ދުބާއީ މެރަތަންގައި މާދަމާ ދުވާ ބައިވެރިން މިދިޔަ ހަފްތާގައިވަނީ ދުބާއީއަށް ގޮސްފައެވެ. ކުޅުއްދުއްފުށީ ޓީމުން މިހާރުވަނީ، ޕިން ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ނަމުގައި ދުވުންތެރިންގެ ކްލަބު ރަޖިސްޓްރީވެސް ކޮށްފައެވެ.

އަބްސީވަނީ، މި މެރަތަންގައި ބައިވެރިވުމަށް އެކި ގޮތްގޮތުން އެހީތެރިވެ ދިން ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. ވަކިން ހާއްސަކޮށް މެއިން ސްޕޮންސަރ ކުޅުދުއްފުށީ އޯބީ ޝޮޕް އަބްސީ ފާހަގަ ކުރިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް