އެމްއެންޑީއެފުން މިރޭ "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ކ. ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓްގެ ހުޅަނގު އުތުރުން އަށް ނޯޓިކަލް މޭލުން ރަތްކުލައިގެ ދަނގަޑު ބޮޔެއް އިރުދެކުނަށް އޮޔާދާ ކަމަށެވެ.
އެހެންކަމުން އެ ސަރަހައްދުން ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ. އެގޮތުން ވަކިން ހާއްސަކޮށް ރޭނގަޑު ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރެއެވެ.
ދާދި ފަހުން ށ. ފޯކައިދޫ ކައިރިން އޮނުތަކެއް އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ވެސް އެމްއެންޑީއެފުން ވަނީ އެދިފައެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އޮޔާދާ އެފަދަ ތަކެތީގައި އުޅަނދުތައް ޖެހި ބައެއް ހާދިސަތައް ކުރިން ހިނގާފައިވެ އެވެ.