އޭނާގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ހަމަޖެހުން ދަމަހައްޓާ، ހާރިޖީ ސިޔާސަތު ހިމާޔަތްކޮށް އަދި އަވައްޓެރި އެއްވެސް ގައުމެއް ބާކީ ކުރުން ހުއްޓުވުމަށް ޑިމޮކްރެޓުން ތިބީ ތައްޔާރަށް ކަމަށެވެ.
މީގެ ކުރިން ވެސް ރައީސް ޑރ. މުއިއްޒު ވެރިކަން މަޖިލިސް ތަޅުމުން ނިންމުމުގެ އަޑުތައް ގަދަވި އެވެ. އެ ވާހަކަތައް ފެށުނީ ރައީސް އާއި އެމަނިކުފާނުގެ ނާއިބު އަޒުލުކުރުން ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މާއްދާތައް އިސްލާހުކޮށް، އެ މަރުހަލާގެ ހަމަތަކަކާއި ތަރުތީބަށް ބަދަލު ގެނެސް، އެމްޑީޕީއިން އެކަން ފާސްކުރުމުންނެވެ.
އާޒިމް މިއަދު މި ސަރުކާރު ބަދަލު ކުރަން ގޮވާލާފައިވާއިރު، ސަރުކާރުގެ އިސްވެރިން މޯދީއާ ދެކޮޅަށް ކުރެއްވި ޕޯސްޓްތަކާ ދެކޮޅަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ޕޯސްޓެއް ކުރައްވާފަ އެވެ. އަދި ޑިމޮކްރެޓަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާ މެމްބަރު އީވާ އަބްދުﷲ އިއްޔެ ވަނީ އިންޑިއާގެ ނިއުސް ޗެނެލްއަކަށް އިންޓަވިއު ދެއްވަމުން އެކަމަށް އިންޑިއާގެ ރައްޔިތުންގެ ކިބައިން މާފަށް ވެސް އެދިވަޑައިގެންފަ އެވެ.
މިކަމާ ގުޅިގެން ސަރުކާރަށް ފާޑުކިޔަމުން އަންނަ މީހުންގެ ތެރޭގައި، ކުރީގެ ހާރިޖީ ވަޒީރު އަދި ތަޖުރިބާކާރު ޑިޕްލޮމެޓު އަބްދުﷲ ޝާހިދު އާއި ކުރީ ސަރުކާރުގެ ވަޒީރުންނާއި ބައެއް ޑިޕްލޮމެޓުން ވެސް ހިމެނެ އެވެ. މޯދީގެ ރަސްމީ އެކްސް އެކައުންޓު ޓެގު ކުރައްވައި ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިކަމުގައި ބައިވެރިވި ސަރުކާރުގެ ދެ ނައިބު ވަޒީރުންގެ ދަށުދަރަޖައިގެ ވާހަކަތައް ކުށްވެރިކުރައްވާ ކަމަށެވެ.
މި މައްސަލައިގެ ތެރެއަށް ކުރީގެ ރައީސް ސޯލިހު ވެސް ވަނީ ވަންނަވާފަ އެވެ، ސޯލިހު ވިދާޅުވި އަވަށްޓެރި އިންޑިޔާއާ މެދު ނަފްރަތު އުފެދޭގޮތަށް ވާހަކަ ދެއްކުމަށް ފުރުސަތު ދެއްވައިގެން ނުވާނެކަމަށެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިންޑިޔާއަކީ އަބަދުވެސް ރާއްޖެއާ ރަހްމަތްތެރި ޤައުމެއްކަން ފާހަގަކުރައްވަމުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ އިންޑިއާއާއެކު ޒަމާންވީ ގުޅުން ހީނަރުވާ ގޮތަށް ވާހަކަދެއްކުމުގެ ފުރުސަތު ދީގެންނުވާނެ ކަމަށެވެ. އަދި ސަރުކާރުގެ އިސް އޮފިޝަލުންތަކެއް އިންޑިޔާއާ މެދު ނަފްރަތު އުފެދޭގޮތަށް ސޯޝަލް މީޑިއާގައި ފަތުރާފައިވާ ވާހަކަތައް ރައީސް ސޯލިހު ވަނީ ކުށްވެރިކުރައްވާފަ އެވެ.
ކުރީގެ އެންވަޔަރަމަންޓު މިނިސްޓަރު ޝައުނާ ވެސް ވަނީ އިންޑިއާއާ ނަސްލީ ގޮތުން ޖައްސާލައިގައި ހިންގާ މި ބޮޑު ކެމްޕެއިނަކީ މުޑުދާރު، ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އަދި އިންޑިއާއަކީ ސަގާފީ ގޮތުންނާއި ހާރިޖީ ރޮނގުން ރާއްޖޭގެ ޒަމާންވީ ގާތް އެކުވެރިއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ އިސްވެރިންނާއި ބައެއް އާންމު ދިވެހިންގެ މަލާމާތް މޯދީއަށް އަމާޒުވީ އިންޑިއާގެ ލަކްޝަދީބްގައި ޓޫރިޒަމް ޕްރޮމޯޓް ކުރުމަށްޓަކައި މޯދީ އެރަށަށް ވަޑައިގެން ނެންގެވި ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލްމީޑިއާގައި އާންމުކުރުމާ އެކު އިންޑިއާގެ ފަތުރުވެރިން ދެން ރާއްޖެއަށް ދިއުމުގެ ބޭނުމެއް ނެތް ކަމަށް ބުނެ ރާއްޖެ ދައްކޮށްލުމުގެ ނިޔަތުގައި އިންޑިއާގެ ބައެއް ރައްޔިތުން ސޯޝަލްމީޑިއާގައި ފާޅުކުރި ޝުއޫރުތަކަކަށްފަހު އެވެ.
މައްސަލަ ހޫނުވީ ސަރުކާރުގެ އިސް އޮފިޝަލުންގެ ތެރޭގައި ހިމެނޭ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ ޔޫތު މިނިސްޓްރީގެ މަރިޔަމް ޝިއުނާ އާއި، މަލްޝާ ޝަރީފާ އަދި އަބްދުﷲ މަހްޒޫމް މާޖިދު، މޯދީއަށް އަމާޒުކުރައްވާ ބޭނުންކުރި ބޭއަދަބީ ބަސްތަކެއްގެ ސަބަބުންނެވެ.
ސޯޝަލް މީޑިއާގައި މި މައްސަލައިގައި ބަހުގެ ހަމަލާތައް ދެ ގައުމުގެ އެކި ފެންވަރުގެ މީހުންގެ މެދުގައި ބަދަލުކުރަމުން އަންނައިރު އިންޑިއާގެ ނުފޫޒު ގަދަ އެތައް ބަޔަކު ވެސް ވަނީ ރާއްޖެއާ ދެކޮޅު ވާހަކަތަކަށް ބާރުދީ ވާހަކަ ދައްކައިފަ އެވެ. އަދި އެތައް ބަޔަކު އަންނަނީ ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓްކުރުމަށް ގޮވާލަމުންނެވެ.
މިވަގުތު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ އަވައްޓެރި އިންޑިއާ އިންނެވެ.