ads
އިންޑިޔާގެ ސަފީރު މުނޫ ފޮރިން މިނިސްޓްރީ އަށް ހާޒިރުވެއްޖެ
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރުސަފީރު ރާއްޖޭގެ ފޮރިން މިނިސްޓްރީ އަށް ހާޒިރުވެއްޖެ އެވެ.

އޭނާ ފޮރިން މިނިސްޓްރީ އަށް ހާޒިރުވީ މިއަދު މެންދުރުފަހު 12 ޖެހި އިރު އެވެ. 

އޭނާ ފޮރިން މިނިސްޓްރީ އަށް ހާޒިރު ކުރެވުނީ ސަރުކާރުގެ ނައިބު ވަޒީރުންގެ ގޮތުގައި ތިއްބެވި ތިން ބޭފުޅަކު ރަސްމީ އެކައުންޓުން އަވަށްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ކުޑައިމީސްކޮށް މަލާމާތްކުރި މައްސަލައިގައި, ކަން ހިނގައިދިޔަ ގޮތް ރާއްޖޭގެ ފަރާތުން އޮޅުން ފިލުވައިދިނުމަށްޓަކާއި އެވެ.

މުނޫ މަހާވަރު މިއަދު ފޮރިން މިނިސްޓްރީއަށް ހާޒިރުވެފައިވާއިރު މިއަދު ހެނދުނު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީންވަނީ ނިއުދެލީގައި ހުންނަވާ ދިވެހި ސަފީރު، އިބްރާހިމް ޝަހީބު މިއަދު އެ މިނިސްޓްރީއަށް ހާޒިރުކޮށްފަ އެވެ.

އިންޑިއާ އާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް މަލާމާތްކޮށް ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ވެސް ހިމެނޭ ގޮތަށް އެކްސްގައި ކުރި ޕޯސްޓްތަކާ ގުޅިގެން، އިންޑިއާ އިން ރާއްޖޭގެ ސަފީރު ހާޒިރުކޮށްފައިވަނިކޮށް އިންޑިއާގެ ސަފީރު ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ވަޑައިގަތީ ކުރިން ހަމަޖެހިފައި އޮތް ބައްދަލުވުމަކަށް ކަމަށް އިންޑިއާ ހައި ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މިކަމާ ގުޅޭ ގޮތުން ސަރުކާރުގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ. ފޮރިން މިނިސްޓްރީގެ ބައްދަލުވުމަށް ފަހު ސަފީރު މިހާރު އެ ތަނުން ނުކުމެވަޑައިގެންފައި ވާއިރު ބައްދަލުވުމާ ގުޅޭ އިތުރު މައުލޫމާތެއް އިންޑިއާ އެންބަސީން ހާމައެއް ނުކުރެ އެވެ. 

ސަރުކާރުގެ އިސްވެރިންނާއި ބައެއް އާންމު ދިވެހިންގެ މަލާމާތް މޯދީއަށް އަމާޒުވީ އިންޑިއާގެ ލަކްޝަދީބްގައި ޓޫރިޒަމް ޕްރޮމޯޓް ކުރުމަށްޓަކައި މޯދީ އެރަށަށް ވަޑައިގެން ނެންގެވި ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލްމީޑިއާގައި އާންމުކުރުމާ އެކު އިންޑިއާގެ ފަތުރުވެރިން ދެން ރާއްޖެއަށް ދިއުމުގެ ބޭނުމެއް ނެތް ކަމަށް ބުނެ ރާއްޖެ ދައްކޮށްލުމުގެ ނިޔަތުގައި އިންޑިއާގެ ބައެއް ރައްޔިތުން ސޯޝަލްމީޑިއާގައި ފާޅުކުރި ޝުއޫރުތަކަކަށްފަހު އެވެ.

މައްސަލަ ހޫނުވީ ސަރުކާރުގެ އިސް އޮފިޝަލުންގެ ތެރޭގައި ހިމެނޭ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ ޔޫތު މިނިސްޓްރީގެ މަރިޔަމް ޝިއުނާ އާއި، މަލްޝާ ޝަރީފާ އަދި އަބްދުﷲ މަހްޒޫމް މާޖިދު، މޯދީއަށް އަމާޒުކުރައްވާ ބޭނުންކުރި ބޭއަދަބީ ބަސްތަކެއްގެ ސަބަބުންނެވެ.

މައްސަލަ ހޫނުވުމާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ މި ތިން ބޭފުޅުން ވަޒީފާ އިން ސަސްޕެންޑްކޮށް، ބޭރު ގައުމުތަކުގެ ވެރިންނާ މެދު އިހާނެތި ގޮތްގޮތަށް ވާހަކަދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެ ކަމަށް ބުނެ ބަޔާނެއްވެސް ނެރެފަ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް