ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ތިންވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން މުބީން ވިދާޅުވީ މިއަދާ ހަމައަށް ވެސް އެކުންފުނިން ހިންގަމުން އަންނަ އެއާޕޯޓްތަކުގެ ތެރެއިން ބައެއް އެއާޕޯޓްތަކުގައި ނަމާދު ކުރާނެ ކޮޓަރި، މައިންނަށް ބޭނުންވާ ކޮޓަރި، ކެފޭ ނުވަތަ ޓަކް ޝޮޕެއްގެ ހިދުމަތް ފަދަ އަސާސީ ވަސީލަތްތައް ނެތްކަށެވެ. އަދި މި ފަދަ ހިދުމަތްތައް ކުރިއަށް އޮތްތަނުގައި ގާއިމުކުރައްވާނެ ކަމުގެ ޔަގީންކަން މުބީން ދެއްވާފަ އެވެ.
މުބީން ވިދާޅުވީ އެ ކުންފުނި އުފައްދައި ކުންފުންޏާއި އެއާޕޯޓްތައް ހަވާލުކުރެވުނުއިރު އޮތީ ވަރަށް ވެސް ދަށް ހާލަތެއްގައި ކަމަށާއި ނަމަވެސް މިއަދު އެ ކުންފުނީގައި މަސައްކަތް ކުރަމުންދާ މުވައްޒަފުން ކުރި ހީވާގި މަސައްކަތްތަކުން ވަނީ ގިނަ ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށެވެ.
އެގޮތުން ސިވިލް އޭވިއޭޝަންގެ މިންގަނޑުތަކަށް އެއާޕޯޓްތައް ފައްތައި، ސެކިއުރިޓީގެ ކަންކަން އިތުރަށް ތަރައްގީކޮށް، އިންހައުސް ޓްރެއިން ދެވޭ ފެންވަރަށް މީހުން ބިނާކުރެވި، ދަތުރު ކުރާ ފަރާތްތަކަށް ދެވޭ ހިދުމަތްތައް ފުޅާ ކުރެވިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އިބްރާހިމް ޝާހިދު ވެސް ވަނީ ކުންފުނީގެ މުވައްޒަފުން ކުރާ ހީވާގި މަސައްކަތުގެ އަގުވަޒަންކޮށް މުވައްޒަފުންނަށް ހިތްވަރު ދެއްވާފަ އެވެ. އަދި ހުރިހާ މުވައްޒަފުން އެކުގައި ކުންފުނި އެހެން ހަރުފަރަތަކަށް ގެންދިއުމަށް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއެކު މަސައްކަތް ކޮށްދެއްވުމަށްވެސް ވަނީ މުވައްޒަފުންގެ އަރިހުން އެދިލައްވާފަ އެވެ.
އާރްއޭސީއެލް އަކީ 11 ޖެނުއަރީ 2021 ވަނަ އަހަރު ރައީސުލް ޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދާފައިވާ %100 ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. މި ކުންފުނި އުފައްދުމުގެ އެންމެ މައިގަނޑުއެއް ކީމަޤްސަދަ ސަރުކާރުން ހިންގާ އެއަރޕޯޓުތަކުން ރައްޔިތުންނަށް ދެވޭ ޙިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުމާއ،ި އެއަރޕޯޓުތަށް ހިންގުމުގައި ސަރުކާރުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ދަށްކުރުމެވެ.
މި ވަގުތު އެ ކުންފުނިން ބަލަހައްޓަނީ 6 އެއާޕޯޓެވެ. އެއީ ހދ. ހަނިމާދޫ އެއާޕޯޓް، ހދ. ކުޅުދުއްފުށީ އެއާޕޯޓް، ށ، ފުނަދޫ އެއާޕޯޓް، ހއ. ހޯރަފުށީ އެއާޕޯޓް، ގދ. މާވަށު އެއާޕޯޓާއި ފުވައްމުލަކު އެއާޕޯޓެވެ. އިތުރަށް ބަލަހައްޓާނީ އަލަށް ހުޅުވި ފަރެސްމާތޮޑާ އެއާޕޯޓެވެ.
މި ކުންފުނީގެ އަމާޒަކީ ކުރިޔަށް އޮތް ތިން އަހަރުގެ ތެރޭގައި އަމިއްލަ ފައިމައްޗަށް ތެދުވެ ކުރިމަގު އުޖާލާ، ސަރުކާރަށް ފައިދާވާ އަދި ރައްޔިތުންނަށް އިތުބާރު ހިފޭ ހިތްގައިމު ހިދުމަތެއް ފޯރުކޮށްދޭ ކުންފުންޏަކަށް ވުން ކަމަށް އާރްއޭސީއެލް އިން ބުނެ އެވެ.